Ads by PNC

ޚަބަރު

ދެ އިންތިޚާބު އެއްކޮށްލުމަށް ހުށަހެޅި އިޞްލާޙަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމްގެ ތާޢީދު!

ދެ އިންތިޚާބު އެއްކޮށްލުމަށް ހުށަހެޅި އިޞްލާޙަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމްގެ ތާޢީދު!

ގާސިމް އިބްރާހިމް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 ފެބްރުއަރީ 2026، 12:01

14 ފެބްރުއަރީ 2026، 12:01

ދެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިޞްލާޙަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ތާޢީދުކުރައްވާކަމަށް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އެއްކޮށް ބޭއްވުމުގެ އިޞްލާޙު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙެވެ.

މި އަންނަ ލޯކަލް ކައުންސިލް އިންތިޙާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓު ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަށް ހުށަހެޅި އިޞްލާޙަކީ ވަރަށް "ޕްރެކްޓިކަލް" އިސްލާޙެއް ކަމަށެވެ. ހަމަ އެހެންމެ، ކޮންމެެ ސަރުކާރަކަށް ވެސް މަޖިލީހުގެ ބާރު ބޭނުންވާނެކަން ފާހަގަކުރައްވާ ގާސިމް އިތުރަށް ވިދާޅުވީ، މިވަގުތު ދެ އިންތިޚާބު އެއްކޮށްލުމަށް ހުށަހެޅި އިޞްލާޙަކީ އެންމެ ފަސޭހައިން އެކަން ކުރެވޭނެ ގޮތް ކަމަށެވެ.

ގާސިމްގެ ވާހަކަފުޅުގައި، އިސްލާމްދީނުގެ މިންތައް ހިފެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަފާތު  ވިސްނުން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ރައީސުލްޖުމްހޫރިއްޔާ އަކީ، ވިސްނުންތެރި، އިޚްލާޞްތެރި ސްމާޓް ބޭފުޅެއް ކަމަށާއި، އިޚްލާޞްތެރިކަމާއެކު ދީން ދަމަހައްޓަން މަސައްކަތްކުރައްވާ ވެރިއެއް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. އަދި މިވަގުތު ވެސް ރައީސް ކުރައްވާ މަސައްކަތަށް އައްސަރިބަހާ ސާބަސް ދަންނަވާ ކަމަށާއި، ރާއްޖެ މިއޮތް ދަރަނީގެ ހާލަތުން ސަލާމަތްކޮށް، ރާއްޖެއަށް އިތުރު ލޮޅުމެއް އަޔަ ނުދިނުމަށް ވެސް ރައީސް މުޢިއްޒުއާއެކު ހުރިހާ ރައްޔިތުން ތިބެން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު މިހާރު އެއަށްވުރެ މާ ސްމާޓް. ރައީސްއަކީ ކިޔަވާވެސް ވިދާޅުވެގެން ހުންނެވި ބޭފުޅެއް، ޑޮކްޓަރެއް، ޕީއެޗްޑީ ބޭފުޅެއް، ތަޢުލީމީ ބޭފުޅެއް. އިސްލާމް ދީން ޤަބޫލުކޮށްގެން އެކަމަށް އިޚްލާޞްތެރިކަމާއެކު ޤަބޫލުކުރާ، ބޭފުޅެއްކަން ޤަބޫލުކޮށްގެން ހުރި މީހެއް އަޅުގަނޑަކީ.

ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ، އެއް ވެރިކަމުން އަނެއް ވެރިކަމަށް ބަދަލުވާއިރު ކޮންމެ ފަހަރަކު އެތައް ބިލިއަން ރުފިޔާއެއްގެ ދަރަނި އޮންނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ކުރީގެ ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިމުނުއިރު އަދި އެމަނިކުފާނު ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްތައް ނިމުނުއިރު ޖުމްލަ 6 ބިލިއަން ރުފިޔާގެ ދަރަނި އޮތްކަމަށް ވިދާޅުވިއެވެ. އަދި މިދިޔަ އެމްޑީޕީ ވެރިކަން ނިމުނުއިރު އެތެރެ އާއި ބޭރުގެ ދަރަނި ހުރީ ޖުމްލަ 126 ބިލިއަން ރުފިޔާގައި ކަމަށާއި، މިއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ގާސިމް ވިދާޅުވިއެވެ. ހަމަ އެހެންމެ، ފެނަކައަށް އެކަނި ވެސް ދައްކަންޖެހޭ ފައިސާގެ ގޮތުގައި 3 ބިލިއަން ރުފިޔާ އޮތް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ގާސިމްގެ ވާހަކައިގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ވަނީ ގޮވާލައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450