ޚަބަރު
ނައިފަރު ކައުންސިލަށް ޕީއެންސީ ކެންޑިޑޭޓުން ހޮވުމަކީ ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ގެންދިއުމަށް މުހިންމުކަމެއް: ވަޒީރު ޝިޔާމް
ނައިފަރު ކައުންސިލަށް ކުރިމަތިލާފައިވާ ޕީއެންސީ ކެންޑިޑޭޓުން--
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ނައިފަރު ކައުންސިލަށް ކުރިމަތިލައްވާފައިވާ ޕީ.އެން.ސީގެ ކެންޑިޑޭޓުންނަށް ތާޢީދުކޮށް، އެ ކެންޑިޑޭޓުންނަށް އިންތިޚާބު ބޮޑުތަނުން ކާމިޔާބުކޮށްދިނުމަކީ ނައިފަރުގެ ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ގެންދިއުމަށް ކޮންމެހެން ވެސް މުހިންމުކަމެއްކަމަށް މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، ނައިފަރަކީ ރާއްޖޭގައި އާބާދީ އެންމެބޮޑު އެއް ރަށް ކަމުގައިވީ ނަމަވެސް، ޒަމާނުއްސުރެ ނައިފަރަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އޮތީ އަދިވެސް ރަނގަޅު ޙައްލެއް ނުލިބި ކަމަށެވެ. އަދި ތަރައްޤީގެ ޗާޓުން ނައިފަރުގެ ޙައްޤު މަޤާމް ނައިފަރުގެ ލޮބުވެތި ރައްޔިތުންނަށް ހޯއްދައިދިނުމުގެ ޙަޤީގީ މަސައްކަތް އަދުގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާއިރު، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި އެމަނިކުފާނު ނައިފަރުގެ ލޮބުވެތި ރައްޔިތުންނަށް ވަޢުދުވެވަޑައިގެންނެވިގޮތަށް 'ރަނުން ރަނަށް' ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛުކޮށްދެއްވާކަން މިއަދު ޝުކުރުވެރިކަމާއެކު ބަލައިގަންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފިޔަވަހިތަކަށް ނުބައްސަވާ އެއް ފިޔަވަހިން ރަށުގެ ހުރިހާ މަގުތަކެއް ހެއްދެވުމުގެ މަޝްރޫޢާ، ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމަށް ރަށުގެ މިހާރުގެ ބިން 2 ގުނަ ކުރެއްވުމާ، ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެއްވުމަށް 800 ހައުސިން ޔުނިޓު ޤާއިމުކޮށްދެއްވުމާ، ރަށުގައި މިހާރު އޮތް ބަނދަރުގެ ދަތި ޙައްލުކުރެއްވުމަށް މިހާރުގެ ބަނދަރު ބޮޑުކޮށް އަޕްގްރޭޑްކޮށް އިތުރު ބަނދަރެއް ހެއްދެވުމާ، ހުރިހާ ވައްތަރެއްގެ ލެބާއި އިތުރު ކްލާސްރޫމްތަކާ ވަޞީލަތް ހިމެނޭގޮތަށް ސްކޫލަށް އިމާރާތެއް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމަ އެއާއެކު، ޒަމާނީ ވަޞީލަތްތަކާއި އައު ޚިދުމަތްތަކާއެކު ޅ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑްކުރުމާ، 2 ޔުނިވަރސިޓީއެއްގެ ކެމްޕަސް ނައިފަރުގައި ޤާއިމްކުރުމާ، އިސްލާމިކް ސެންޓަރެއް ބިނާކުރުމާ، ފީފާ ސްޓެންޑަޑްގެ ފުޓުބޯޅަ ސްޓޭޑިޔަމެއް ޤާއިމުކުރުމާ، ގިނަ ކުޅިވަރުތަކެއް ހިމެނޭ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ އިތުރުން ތަރައްޤީގެ އެތައް މަޝްރޫޢެއް ކުޅިވަރާއި އިޖުތިމާޢީ ދާއިރާތަކުން ނައިފަރުގައި ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، މީގެ ތެރެއިން ގިނަ މަޝްރޫޢުތައް މިހާރު ކޮންޓްރެކްޓަރުންނާވެސް ޙަވާލުކުރެވި އެކި މަރުޙަލާތަކުގައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރައްޔިތުން އެދޭނީ މިއިން ކޮންމެ މަޝްރޫޢެއްވެސް އެކަށީގެންވާ އަވަސް މިނެއްގައި ނިންމާ އެތަންތަނުގެ ޚިދުމަތް ލިބި ރަށް ބާރަށް ތަރައްޤީވުމަށް. ނައިފަރަކީ މެދު އުތުރުގެ ތަރައްޤީގެ މައި ތަނބެއްކަމުގައިވުމަށް. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ހަލުވިމިނުގައި މިކަންކަން ކުރިއަށް ގެންގޮސް ނިންމުމުގައި ރަށު ކައުންސިލްގެ ދައުރު އިންތިހާއަށް ބޮޑު.
ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށު ކައުންސިލަކީ ރަށުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ހިނގާނުހިނގާ ގޮތް ގާތުން ބަލައި، އެ މަޝްރޫޢުތައް ތަންފީޛުކުރުމުގައި ސަރުކާރަށް ހުރިހާ ގޮތަކުންވެސް އެހީތެރިވާންޖެހޭ އިދާރާއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެއްވެސް ޙާލަތެއްގައި ސަރުކާރާ އިދިކީލިވެ، ސަރުކާރު ޖަވާބުދާރީކުރުވުމަށް އޮންނަ އިދާރާއެއް ނޫން ކަމަށާއި، ރައީސް ޑރ. މުޢިއްޒު ނައިފަރަށް ކަނޑައަޅުއްވާފައިވާ ނައިފަރު ރައްޔިތުން އިންތިހާއަށް އެދޭ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އެމަނިކުފާނުގެ ސަރުކާރަށް ތާއީދުކުރައްވާ ޕީ.އެން.ސީގެ ކެންޑިޑޭޓުން އިންތިޚާބުކުރުން އިންތިހާއަށް މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން، ނައިފަރުގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ އަރިހުން އަޅުގަނޑު އެދޭ އިޚްލާސްތެރި އެދުމަކީ، ރައީސް ޑރ. މުޢިއްޒު ނައިފަރުގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ރަނުން ރަނަށް ފުއްދެވުމުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާލުން ދެއްވައި، ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައި ތިއްބެވި ޕީ.އެން.ސީގެ ކެންޑިޑޭޓުންނަށް ތާޢީދުކޮށްދެއްވައި، ބޮޑު ތަފާތަކުން އެބޭފުޅުން އިންތިޚާބުކޮށްދެއްވުމަށް.
ވަޒީރު އިތުރަށް ވިދާޅުވިއެވެ.
ހަމަ މިއާއެކު، ލާމަރުކަޒީ ނިޒާމު ތަޞައްވަރު ކުރާގޮތަށް ރަށުގެ ތަރައްޤީއާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި އެ ނިޒާމަށް ފަރިތަ، އަހުލުވެރި ބަޔަކު ކައުންސިލްގައި ތިބުމަކީވެސް ނުހަނު ބޭނުންތެރި ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދުއާއެކު މިހާރުވެސް ކައުންސިލްގައި ތިއްބެވި 2 މެންބަރުން ހިމެނޭހެން އިންތިޚާބުގައި ކައުންސިލްގެ މެންބަރުކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލައްވާފައިވާ ޕީ.އެން.ސީގެ ކެންޑިޑޭޓުންނަކީ ތަޖުރިބާކާރު، ޤާބިލް، އެންމެނާ ގުޅޭ، ރަށުގެ ކުރިއެރުމާއި ތަރައްޤީގެ ރޭހުގައި ނަތީޖާ ނެރެދޭނެ ކެންޑިޑޭޓުން ކަމާމެދަކު އެއްވެސް ޝައްކެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް ވަނީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ނައިފަރު ކައުންސިލަށް ކުރިމަތިލައްވާފައިވާ ޕީ.އެން.ސީގެ ކެންޑިޑޭޓުންނަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.