ޚަބަރު
ހިޔާ ފްލެޓު ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އޮޕަރޭޝެންގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން
ހުޅުމާލެ ފޭސް 2ގެ ހިޔާ ފްލެޓު ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ބޮޑު އޮޕަރޭޝަނެއްދަނީ ހިންގަމުންނެވެ. އެގޮތުން، ރާއްޖޭގެ އެކި ވިޔަފާރިތަކުގައާއި، ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުންދާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުޞަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި، ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓު ސަރަޙައްދުގައި ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ރެއިޑް އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި އޮޕަރޭޝަނުގައި 95 ބިދޭސީއެއް ބަލައިފާސްކޮށް، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ 10 ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 11،496 ބިދޭސީން ވަނީ ރާއްޖެ އިން ފޮނުވާލާފައެވެ. އަދި ބަޔޮމެޓްރިކްސް ނުދީ، ވަރކް ޕާމިޓެއް ނެތި އުޅޭ ބިދޭސީއެއް މިހާރު ފާހަގަވެއްޖެނަމަ ވަގުތުން އެ މީހަކު ފޮނުވާލެވޭނެ ކަމަށާއި، މިގޮތުން 17 ނޮވެމްބަރ 2025 އިން 31 ޖެނުއަރީ 2026 ގެ ނިޔަލަށް، ޤަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުނު 228 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.

މީގެ އިތުރުން، އިތުރު މަރުޙަލާތަކުގެ ދަށުން ރާއްޖެއަށް އެތެރެވުމަށް ކޯޓާ ދިން ފަރާތް ނޫން ފަރާތްތަކުގެ ކައިރީ މަސައްކަތް ކުރަމުންދާ ބިދޭސީން ގެންގުޅޭ ފަރާތްތަކަށް އޭޕްރީލް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ޤަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުޞަތު މިހާރު ދީފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ހަމަ އެއާއެކު، އަންނަ އަހަރު އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުޞަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމުގެ އިންޒާރު ކަމާގުޅޭ އިދާރާތަކުން އަންނަނީ ދެމުންނެވެ.