ޚަބަރު
މޯލްޑިވްސް 2.0 މަޝްރޫޢުގެ މަސައްކަތްތައް 2028 ގެ ޖޫން މަހުގެ ތެރޭގައި ނިންމާލެވޭނެ: ވަޒީރު އިޙްސާން
ވަޒީރު އިޙްސާނު/ފޮޓޯ: ވުޒާރާ
މޯލްޑިވްސް 2.0 މަޝްރޫޢުގެ ދަށުން ނިންމަން ޖެހޭ ހުރިހާ މަސައްކަތެއް 2028 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމާއެކު، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ 'މޯލްޑިވްސް 2.0' މަޝްރޫޢުގެ ދަށުން ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭން ފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ.
ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސަރުކާރުގެ އެފިޝެންސީ މަތިކޮށް، ގުޑް ގަވަރނަންސްގެ އުޞޫލުގެ މައްޗަށް ބިނާވެފައިވާ ޒަމާނީ ޑިޖިޓަލައިޒޭޝަންގެ ނިޒާމު ޤާއިމުކުރުމަކީ، މި އަހަރު ވަރަށް ބޮޑު އިސްކަމެއް ދިނުމަށް ސަރުކާރުން ނިންމައިފައިވާ ކަމެކެވެ. އަދި މި ސިޔާސަތުތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މޯލްޑިވްސް 2.0 ބިނާވެފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް ކަމަށާއި، ރައީސްގެ ލަނޑުދަނޑި ހާޞިލްކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް 2028 ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން ކުރައްވާނެ ކަމަށެވެ.
މޯލްޑިވްސް 2.0 ގެ ސިޔާސަތު އެކުލެވިފައިވަނީ ވަރަށް ވަރުގަދަ އޮބްޖެކްޓިވްތަކެއް ހާޞިލްކުރުމަށް. އެންމެ ފުރަތަމަ ކަމަކަށް ރާއްޖޭގައި މިއޮންނަ ޕަބްލިކް ސަރވިސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އޮންނަ އޮތުން ނައްތާލުން. ރައްޔިތުންނަށް ދެ ފުށްފެންނަ ގޮތަށް ޚިދުމަތް ފޯރުކޮށްދިނުމާއެކު އަވަހަށް ޚިދުމަތް ފޯރުކޮށްދިނުމަކީ މޯލްޑިވްސް 2.0 ގެ އަމާޒު.
ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މޯލްޑިވްސް 2.0 ގެ މަސައްކަތަކީ ބުރަ ބޮޑު މަސައްކަތެއް ނަމަވެސް އެކުލަވާލާފައިވާ ރޯޑު މެޕާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ. އަދި މޯލްޑިވްސް 2.0ގެ މަސައްކަތް ހާޞިލުވުމުން ނަތީޖާއަކަށް ވާނީ، ޚިދުމަތް ލިބިގަންނަ ރައްޔިތުންނަށް ފަސޭހަ، ޚިދުމަތް ދޭން ތިބޭ ދައުލަތުގެ މުވައްޒަފުންނަށް ލުއި، އަވަސް، ދެފުށް ފެންނަ، ކޮރަޕްޝަންގެ ވަކިތަކަށް ޖާގަ ނުލިބޭ، އިތުބާރު ހިފާ ޚިދުމަތުގެ ނިޒާމަކަށް ބަދަލުވެގެން ދިޔުންކަމަށް ވަޒީރު ވިދާޅުވިއެވެ.
21 މޭ 2025 ގައި އިފްތިތާޙްކުރި މޯލްޑިވްސް 2.0 ގެ ދަށުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކާ ގުޅިގެން، ސައިބަރ ސެކިއުރިޓީ ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޑިޖިޓަލް އައި.ޑީ.ގެ ޒަރީއާއިން އިތުބާރާއެކު ބަރޯސާވެވޭ ޑިޖިޓަލް މުޢާމަލާތްތަކަށް މަގުފަހިކޮށް، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ޑޭޓާ ރައްކާތެރިކަމާއެކު، ވަގުތުން ވަގުތަށް ފޮނުވޭނެ ގޮތް އިންތިޒާމުކުރުން ހިމެނެއެވެ.
ހަމަ އެއާއެކު، މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް ޤާއިމުކޮށް، ދައުލަތުގެ މުއައްސަސާތަކުގެ ޙައްސާސް މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ބަލަހައްޓައި، އާރކައިވް ކުރުމަށް ސޮވެރިން ކްލައުޑް ޤާއިމުކޮށް، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ސިޓިޒެން-ސެންޓްރިކްކޮށް، އެއް ފުރާޅެއްގެ ދަށުން އެ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް މަގުފަހިކޮށް، ޑިޖިޓަލް ރޮނގުން މުސްތަޤްބަލަށް ފައްކާވެފައިވާ ޖީލެއް ބިނާކުރުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ. މި މަޝްރޫޢު ހިންގުމަށްޓަކައި، ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢުގެ މަގުޗާޓު ކެބިނެޓުން ފާސްކޮށްފަވާއިރު މި މަގުޗާޓު ތަންފީޒު ކުރުމަށްޓަކައި، މި އަހަރުގެ ބަޖެޓުގައި ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ.
މޯލްޑިވްސް 2.0 ގެ ދަށުން، މި އަހަރު ނިމޭއިރު ދިވެހިރާއްޖޭގައި ސިވިލް ރަޖިސްޓްރޭޝަންގެ ޚިދުމަތްތައް ދިނުމަށް، އެއް ވިއުގައެއް ޤާއިމުކޮށް، ދިވެހިރާއްޖެއަކީ ސަރަޙައްދީ ފެންވަރުގައި ސިވިލް ރަޖިސްޓްރޭޝަންގެ ޚިދުމަތް އެންމެ ފުރިހަމައަށް ދޭ ޤައުމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެވެ.