ޚަބަރު
ފުރަތަމަ ފަހަރަށް 'ކްއީން އޭން' ރާއްޖެއަށް: 2،600 އަށްވުރެ ގިނަ ފަތުރުވެރިން މާލެއަށް ފައިބައިފި
'ކްއީން އޭން' ފޮޓޯ: ޕީއެސްއެމް ނިއުސް
އިނގިރޭސިވިލާތުގެ މަޝްހޫރު ކިއުނާޑް ލައިން ކުންފުނީގެ އެންމެ ފަހުގެ ކްރޫޒްލައިނަރ "ކްއީން އޭން" މިއަދު ފުރަތަމަ ފަހަރަށް ރާއްޖެއަށް ބަނދަރުކޮށްފިއެވެ. މި ބިޔަ އުޅަނދު ރާއްޖެ އައިސްފައިވަނީ ޖުމްލަ 2،669 ފަތުރުވެރިންނާއެކުގައެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކްރޫޒްލައިނަރއެއް ތައާރަފްކުރި ކިއުނާޑް ލައިންގެ މި އުޅަނދު ރާއްޖެ ގެނެސްފައިވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) މެދުވެރިކޮށެވެ. މިއީ މި ކްރޫޒްލައިނަރ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުކަމަށްވުމުން، އެކަން ފާހަގަކުރުމަށްޓަކައި އުޅަނދުގައި ވަނީ ޚާއްޞަ ޙަފްލާއެއް ބާއްވާފައެވެ.
މި ޙަފްލާގައި މޯލްޑިވްސް އިމިގްރޭޝަން، މާޔާ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ފަރާތުން ވަނީ އުޅަނދުގެ އިސްވެރިންނަށް ހަނދާނީ ފިލާ އަރުވާފައެވެ. މި ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙު ބައިވެރިވެވަޑައިގެންނެވިއެވެ.
ފަތުރުވެރިންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން، އިމިގްރޭޝަނުގެ ޓީމަކުން ވަނީ ސީޝެލްސްއަށް ގޮސް މި އުޅަނދަށް އަރާފައެވެ. އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރ ޙުސައިން ނިޔާޒު ވިދާޅުވީ، މި މަހުގެ 8 ވަނަ ދުވަހު ރާއްޖެއިން ފުރައިގެން ގޮސް 10 ވަނަ ދުވަހު ބޯޓާ ގުޅުނު ކަމަށެވެ. އަދި 4 ދުވަހުގެ ދަތުރުމަތީގައި 2،669 ފަސިންޖަރުންނާއި 1،250 ކްރޫއިންގެ އިމިގްރޭޝަން ކްލިއަރެންސް މަސައްކަތް ނިންމާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކްއީން އޭން" އަކީ 323 މީޓަރުގެ ދިގު، 36 މީޓަރުގެ ފުޅާ އަދި 14 ފަންގިފިލާގެ ބިޔަ އުޅަނދެކެވެ. މި އުޅަނދުގައި ދުނިޔޭގެ އެކި ރަހަތައް ލިބޭ 15 ރެސްޓޯރެންޓާއި، ފެންވަރު ރަނގަޅު ޝޯތައް ދައްކާ ތިއޭޓަރެއްގެ އިތުރުން ހައިޑްރޯތެރަޕީ ޕޫލާއި ޒަމާނީ ޖިމެއްވެސް ހުރެއެވެ.
މިއަދު ރާއްޖެ އައި ފަތުރުވެރިން މާލެއަށް ފައިބައި، މާލޭގެ ތާރީޚީ ބިނާތަކާއި ބާޒާރުމަތި ބަލާލުމަށް ވަނީ ވަގުތު ހޭދަކޮށްފައެވެ. ސީޝެލްސްއިން ރާއްޖެ އައި މި އުޅަނދު ދެން މިސްރާބު ޖަހާނީ އަވަށްޓެރި ސްރީލަންކާއަށެވެ.
މިއީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 5 ވަނަ ކްރޫޒްލައިނަރއެވެ. އަދި އަންނަ އާދިއްތަ ދުވަހުވެސް އިތުރު ކްރޫޒްލައިނަރއެއް ރާއްޖެއަށް އައުމަށް ވަނީ ހަމަޖެހިފައެވެ.