Ads by PNC

ޚަބަރު

ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުން ފޮޓޯ: އާރްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ފެބްރުއަރީ 2026، 05:22

14 ފެބްރުއަރީ 2026، 05:22

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫޢަކީ ފިއްލަދޫގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރަށުގެ ރައްޔިތުންނަށް ލުއިފަސޭހަ އަދި ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ފިއްލަދޫގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުﷲ ޝަރީފެވެ.

މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއާއި، ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުޙުﷲ ޙަސަންގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ފިއްލަދޫގެ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަށް 77.1 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މި މަޝްރޫޢުގެ ދަށުން ފިއްލަދޫގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން ޒަމާނީ މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިއީ އެ ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމާ ގުޅިފައިވާ، ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އުންމީދު ކުރަމުން އައި މަސައްކަތެކެވެ.

މަޝްރޫޢުގެ މަސައްކަތް ފެށުމާ ގުޅިގެން ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުޙުﷲ ޙަސަން ވިދާޅުވީ، މިއީ ރަށުގެ ތަރައްޤީއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަސައްކަތް ނިމުމުން، ވާރޭވެހޭ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގު ހެދުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން ކުޅުދުއްފުށީ ސިޓީގެ މަގުތައް ހެދުމުގެ 3 ވަނަ ފިޔަވަހީގެ އިތުރުން، އިތުރު 7 އަތޮޅެއްގެ 11 ރަށެއްގެ މަގުތައް ހެދުމަށް އާރްޑީސީއާ ވަނީ ޙަވާލުކޮށްފައެވެ. އޭގެ ތެރޭގައި ކ. ކާށިދޫ، ތ. އޮމަދޫ، ތ. ވޭމަންޑޫ، ލ. މާމެންދޫ، ހދ. ކުމުންދޫ އަދި މަކުނުދޫ ފަދަ ރަށްތައް ހިމެނެއެވެ.

ސަރުކާރުން ބުނެފައިވަނީ ރަށްރަށުގެ މަގުތައް ތަރައްޤީ ކުރާއިރު، އެއްވެސް ރަށެއްގައި ތާރު އެޅުމަށް މަޖުބޫރު ނުކުރާނެ ކަމަށެވެ. ޚާއްޞަކޮށް ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށްތަކުގައި، ރަށުގެ ގުދުރަތީ ރީތިކަން ހިފެހެއްޓުމަށްޓަކައި ވެލި މަގުތައް ބާއްވަން ބޭނުންވާނަމަ، އެ ރަށްތަކަށް ބޭނުންވާ މަގު މަރާމާތުކުރާ އާލާތްތަކާއި ވަޞީލަތްތައް ފޯރުކޮށްދީގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450