ސައިންސް

އޯޕަންއޭއައި އިން އޭއައި ހިމެނޭ ވަޔަރލެސް އިޔަރބަޑްސް އުފައްދަނީ

އޯޕަންއޭއައި އިން އޭއައި ހިމެނޭ ވަޔަރލެސް އިޔަރބަޑްސް އުފައްދަނީ

އޯޕަންއޭއައިގެ އިޔަރބަޑް ރަމްޒުކޮށްދޭ ފޮޓޯއެއެް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ފެބްރުއަރީ 2026، 05:55

14 ފެބްރުއަރީ 2026، 05:55

ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި، އޯޕަންއޭއައި އިން އެ ކުންފުނީގެ އެންމެ ފުރަތަމަ ފިޒިކަލް އުފެއްދުމެއްގެ ގޮތުގައި އޭއައި ހިމެނޭ ވަޔަރލެސް އިޔަރބަޑްސްއެއް ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ވޭބޯ" ގައި އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އިޔަރބަޑްސްތަކަކީ އޯޕަންއޭއައިގެ އަމިއްލަ އޭއައި ސިސްޓަމް ބޭނުންކޮށްގެން މަސައްކަތްކުރާނެ އުފެއްދުމެކެވެ. މިއީ ސޮފްޓްވެއަރ އުފެއްދުންތަކަށް އެކަނި އިސްކަންދެމުން އައި އޯޕަންއޭއައި އިން ހާޑްވެއަރގެ ދާއިރާއަށް ވަނުމަށްއަޅާ އެންމެ ފުރަތަމަ ފިޔަވަޅެވެ.

މީގެ ކުރިން އޯޕަންއޭއައި އިން އޭއައި ހިމެނޭ ތަފާތު ބާވަތްތަކުގެ ގަހަނާ ނުވަތަ ގަލަން ފަދަ ތަކެތި އުފެއްދުމަށް ވިސްނާފައިވީ ނަމަވެސް، އުފެއްދުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން މިހާރު މިވަނީ މި ޕްލޭން ބަދަލުކޮށްފައެވެ. އެ ކުންފުނީގެ ސީއީއޯ ސޭމް އޯލްޓްމަން މީގެ ކުރިން ވިދާޅުވެފައިވަނީ، އޭއައި ހާޑްވެއަރތަކަކީ އިންސާނުންގެ ދިރިއުޅުމަށް އުނދަގޫ ނުވާނެހެން، ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ.

އިޔަރބަޑްސް އަކީ މިހާރުވެސް މީހުންގެ މެދުގައި މަގުބޫލު އަދި އުފެއްދުމަށްވެސް ފަސޭހަ އެއްޗަކަށް ވާތީ، މިއީ އޯޕަންއޭއައި އިން ހާޑްވެއަރ ބާޒާރަށް ވަނުމަށް އެޅި ވަރަށް ބުއްދިވެރި ފިޔަވަޅެއް ކަމަށް މާހިރުން ގަބޫލުކުރެއެވެ. "ޑައިމް" ގެ ކޯޑް ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އުފައްދާ އިޔަރބަޑްސް މި އަހަރު ނިމުމުގެ ކުރިން ބާޒާރަށް ނެރޭނެ ކަމަށް ބެލެވެއެވެ.

އޯޕަންއޭއައި އިން ހާޑްވެއަރގެ ދާއިރާއަށް ވަނުމަށް ކުރާ މަސައްކަތުގައި އެޕަލްގެ ކުރީގެ މަޝްހޫރު ޑިޒައިނަރު ޖޯނީ އައިވްވެސް ދަނީ އެހީތެރިވަމުންނެވެ. މީގެ އިތުރުން، މި އިޔަރބަޑްސްގެ މާ ފެންވަރު ރަނގަޅު އެޑްވާންސް މޮޑެލްއެއް ކުރިއަށް އޮތް ތަނުގައި ނެރުމަށްވެސް އެ ކުންފުނިން ވަނީ ރާވާފައެވެ.

މި އުފެއްދުމާ ގުޅޭ އިތުރު ތަފްސީލުތައް ކަމަށްވާ، އޭގެ ޑިޒައިން އަދި އޭއައި ބޭނުންކޮށްގެން ކުރެވޭނެ ހާއްސަ ކަންތައްތަކެއް އަދި އެ ކުންފުނިން ރަސްމީކޮށް ހާމައެއް ނުކުރެއެވެ. މިއީ ޓެކްނޮލޮޖީގެ ދާއިރާގައި ފައިތިލަ ސާބިތުކޮށްފައިވާ އޯޕަންއޭއައި އިން އާންމުކޮށް މީހުން ބޭނުންކުރާ އިލެކްޓްރޯނިކްސް ސާމާނު އުފެއްދުމުގެ ތެރެއަށް ވަންނަ ފުރަތަމަ ފަހަރެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450