ދުނިޔެ
ބަދަލުހިފުމުގެ ގޮތުން ހަމައެކަނި ފުލުހުންގެ ގެތަކުން ވައްކަންކުރާ މީހަކު ހައްޔަރުކޮށްފި
ލުހުންގެ ގޭގެއަށް ވަދެ، ސިލްސިލާކޮށް ވައްކަން ކުރަމުންދިޔަ މީހަކު އަތުލައިގަތުން ފޮޓޯ: އިންޑިއާ ޓައިމްސް
އިންޑިއާގެ މަދްޔަޕްރަދޭޝްގެ ހާންޑްވާ ޑިސްޓްރިކްޓްގައި ފުލުހުންގެ ގޭގެއަށް ވަދެ، ސިލްސިލާކޮށް ވައްކަން ކުރަމުންދިޔަ މީހަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ. އަލީރާޖްޕޫރު ޑިސްޓްރިކްޓަށް ނިސްބަތްވާ ދީޕޭޝް ނަމަކަށް ކިޔާ މި މީހާ ހައްޔަރުކުރީ، މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ހާންޑްވާގެ ފުލުހުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި ގެތަކަކުން ވައްކަން ކުރި މައްސަލައިގެ ތަހުގީގަށްފަހުއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ކޮންސްޓަބަލް ކަރަންޕާލް ސިންގް އާއި ސުރޭޝް ކާޓޭގެ ގެއަށް ދަންވަރުގެ ވަގުތެއްގައި ވަދެ، އެތައް ލައްކަ ރުޕީސްއެއްގެ ގަހަނާ އާއި ފައިސާ ވަނީ ވަގަށް ނަގާފައެވެ. މި މައްސަލައިގައި ފުލުހުން ބެލި ސީސީޓީވީ ފުޓޭޖްތަކުން ތުހުމަތުކުރެވޭ މީހާ ދެނެގަނެވުނުއިރު، އޭނާގެ އަތުން މިހާތަނަށް 30،000 ރުޕީސް އާއި ބައެއް ގަހަނާ ވަނީ ފެނިފައެވެ.
މި މީހާ ހޯދުމަށް ޖަބުއާ، އަލީރާޖްޕޫރު އަދި ދާރު ޑިސްޓްރިކްޓްތަކުގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގިއެވެ. ފުލުހުން އޭނާ ހައްޔަރުކުރަން އުޅުމުން، ފުރާޅުމަތިން ފުންމާލައިގެން ފިލަން މަސައްކަތް ކުރުމުގެ ތެރޭގައި އޭނާގެ ފަޔަށާއި އަތަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު ޖަހާފައެވެ.
ހާންޑްވާގެ އެޑިޝަނަލް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މަހެންދުރަ ތަރްނޭކަރް ވިދާޅުވީ، މިއީ ފުލުހުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، އޭނާއާ ސުވާލުކޮށްގެން މިފަދަ އެހެން ހާދިސާތަކާއި މިކަމުގައި ބައިވެރިވި އެހެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ތަހުގީގުގައި އެ މީހާ އިއުތިރާފުވެފައިވާ ގޮތުގައި، އޭނާ ހަމައެކަނި ފުލުހުންގެ ގެތަކަށް އަމާޒުކުރަނީ މީގެ 15 އަހަރު ކުރިން ފުލުހަކު އޭނާގެ ގައިގައި ތަޅާ އަނިޔާކޮށްފައިވާތީ، އެކަމުގެ ބަދަލުހިފުމުގެ ގޮތުންނެވެ. އޭނާ ވައްކަން ކުރުމުގެ ކުރިން، ދުވާލު ވަގުތު މަގުމަތީގައި ތަކެތި ވިއްކާ މީހެއްގެ ގޮތުގައި ހަރަކާތްތެރިވެ، ފުލުހުންގެ ގެތައް ހުންނަ ސަރަހައްދުތައް ބަލައި ދިރާސާ ކުރާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި އޭނާއަށް އެހީތެރިވި ރަމޭޝް އަދި ބޫރަލިޔާ ނަމަކަށް ކިޔާ ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.