ދުނިޔެ
ބަޖެޓުގެ މައްސަލައިގައި އެމެރިކާ ސަރުކާރުގެ ބައެއް އިދާރާތައް ހުއްޓުމަކަށް
އެމެރިކާގެ އެއަރޕޯޓެއް ފޮޓޯ: ބީބީސީ
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީ.އެޗް.އެސް) އަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން، އެމެރިކާ ސަރުކާރުގެ ބައެއް މުހިންމު އިދާރާތައް ހޮނިހިރު ދުވަހުގެ މެންދަމުން ފެށިގެން ހުއްޓުމަކަށް އަތުވެއްޖެއެވެ.
މި ނިންމުމާ ގުޅިގެން "އެއާލައިންސް ފޯ އެމެރިކާ" ހިމެނޭހެން ދަތުރުފަތުރާ ބެހޭ ގިނަ ޖަމިއްޔާތަކަކުން ވަނީ ވައިގެ ދަތުރުފަތުރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފައެވެ. އެ ޖަމިއްޔާތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޓްރާންސްޕޯޓޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޓީ.އެސް.އޭ) ގެ މުވައްޒަފުންނަށް މުސާރަ ނުލިބި މަސައްކަތް ކުރަންޖެހުމުން، ގިނަ މުވައްޒަފުން ވަޒީފާއަށް ނުނިކުމެ ހުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މީގެ ސަބަބުން ފްލައިޓްތައް ލަސްވުމާއި އެއާޕޯޓްތަކުގައި ކިޔޫތައް ދިގުވުން ފަދަ މައްސަލަތައް ކުރިމަތިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި މައްސަލަ އުފެދުނީ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައި.ސީ.އީ) އަށް އިތުރު ހިފެހެއްޓުންތަކެއް ގެނައުމަށް ޑިމޮކްރެޓުން ބާރުއެޅުމުންނެވެ. ޚާއްޞަކޮށް މިދިޔަ ޖެނުއަރީ މަހު މިނެސޯޓާގައި ހިނގި ހާދިސާއެއްގައި ފެޑެރަލް އެޖެންޓުންގެ އަތުން ދެ މީހަކު މަރުވުމާ ގުޅިގެން، އިމިގްރޭޝަން އެޖެންޓުން މޫނު ނިވާކޮށްގެން އުޅުން މަނާކުރުމާއި، ކޯޓު އަމުރު ހޯދުމުގައި ހަރުކަށި އުސޫލުތަކެއް ކަނޑައެޅުމަށް ޑިމޮކްރެޓުން ދަނީ ގޮވާލަމުންނެވެ.
މިކަމާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ޑިމޮކްރެޓުންނާ އެކު އެއްބަސްވުމަކަށް އާދެވޭނެތޯ ބަލާނެ ކަމަށާއި، ނަމަވެސް އަބަދުވެސް ގާނޫނު ތަންފީޒުކުރާ އިދާރާތައް ހިމާޔަތްކުރަން ޖެހޭނެ ކަމަށެވެ. ސަރުކާރުގެ މި ހުއްޓުމުގެ ސަބަބުން ޓީ.އެސް.އޭ ގެ އިތުރުން ޔޫ.އެސް ކޯސްޓް ގާޑުގެ ގާތްގަނޑަކަށް 56،000 މުވައްޒަފުންނަށް މުސާރަ ނުލިބި މަސައްކަތް ކުރަންޖެހޭނެ ކަމަށް ލަފާކުރެވެއެވެ.
ގާނޫނު ހަދާ މަޖިލިސް ފެބުރުއަރީ 23 އާ ހަމައަށް ޗުއްޓީއަށް ގޮސްފައިވާތީ، މި ހުއްޓުން ރައީސްގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" ތަގުރީރާ ހަމައަށް ދެމިގެންދިއުމުގެ ބިރު އެބައޮތެވެ. ނަމަވެސް، އެއްބަސްވުމަކާ ގާތްވެއްޖެ ނަމަ މެންބަރުން އަނބުރާ ވޮޝިންގޓަނަށް ގެނައުމުގެ ފުރުސަތު އޮންނާނެއެވެ.