Ads by PNC

ޚަބަރު

ރޯދަ ޕްރޮމޯޝަންގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަނީ: ހަފުތާއެއްގެ ތެރޭގައި 2ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން!

ރޯދަ ޕްރޮމޯޝަންގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަނީ: ހަފުތާއެއްގެ ތެރޭގައި 2ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން!

ސްކޭމަރުންނަށް ރައްކާތެރިވުމަށް އިލްތިމާސްކުރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ފެބްރުއަރީ 2026، 07:16

14 ފެބްރުއަރީ 2026، 07:16

މިދުވަސްވަރު ރޯދަ މަހާ ދިމާކޮށް ތަފާތު ޕްރޮމޯޝަންތަކުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި، ރޯދަ މަހާ ދިމާކޮށް ސްކޭމަރުން ދަނީ އާންމުން އޮޅުވާލުމަށްޓަކައި ތަފާތު އުކުޅުތައް ބޭނުންކުރަމުންނެވެ. ސީނިއަރ ސާރޖެންޓް ޢަބްދުﷲ ޝަހުނީޒް ވިދާޅުވީ، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް ސްކޭމްގެ 48 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލަތަކުގައި އާންމުންގެ އަތުން ޖުމްލަ 230,020 ރުފިޔާ ގެއްލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު އެންމެ ބޮޑަށް ފާހަގަކުރެވެނީ އޮންލައިން ޕޭޖުތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކެވެ. މީގެ ތެރޭގައި ފޭކު އޮންލައިން ޝޮޕްތައް ހިންގުމާއި، ބޮޑެތި ޑިސްކައުންޓުތަކުގައި މުދާ ވިއްކާ ކަމަށް ބުނެ އިޝްތިހާރު ކުރުމަށްފަހު، ފައިސާ ދެއްކުމުން މުދާ ފޯރުކޮށްނުދޭ މައްސަލަތައް ހިމެނެއެވެ. ޝަހުނީޒް ވިދާޅުވީ ފޭސްބުކް މާކެޓް ޕްލޭސް އާއި އިންސްޓަގްރާމް ފަދަ މީސްމީޑީއާ ވަސީލަތްތަކުގައި އަސްލު ވިޔަފާރިތަކުގެ ނަމުގައާއި، ފޭކު ޕޭޖުތައް ހަދައިގެން މިފަދަ އަމަލުތައް ހިންގަމުންދާ ކަމަށެވެ. ވަކިން ޚާއްޞަކޮށް "ޕޮޝް"، "ލިޕްޓަސް" އަދި "ޑެކް" މި ތިން ނަމުގައި ހިންގާ ޕޭޖުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

މިކަމުން ރައްކާތެރިވުމަށްޓަކައި، ވިޔަފާރި ކުރާ ފަރާތްތަކުން އެ ފަރާތްތަކުގެ ރަސްމީ ޕޭޖުތައް ވެރިފައިކުރުމަށާއި، ހުރިހާ މުހިންމު މަޢުލޫމާތެއް އާންމުންނަށް ފެންނާނެހެން ހާމަކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. "ރަސްމީ ވިޔަފާރި ނަމުގައި ސްކޭމަރުން ޕޭޖުތައް ހައްދަވައިގެން، ވެރިފައި ކުރެއްވީމަ އާއްމުންނަށްވެސް އިނގޭ މީ ރަސްމީ ޕޭޖުކަން. އެއީ ވަރަށް މުހިއްމު ކަމެއް،" ޝަހުނީޒް ވިދާޅުވިއެވެ.

އާންމުން ވިޔަފާރިކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތަކުގެ ތެރޭގައި:

  • ވިޔަފާރިއަކީ ޞައްޙަ ތަނެއްތޯ ބެލުމަށް https://business.egov.mv/ މެދުވެރިކޮށް ރަޖިސްޓްރީ ޗެކްކުރުން.
  • ފައިސާ ދެއްކުމުގެ ކުރިން މުދާ ލިބޭނެކަން ކަށަވަރުކުރުން.
  • އަމިއްލަ މީހުންގެ އެކައުންޓުތަކަށް ފައިސާ ނުފޮނުވުމާއި، ވިޔަފާރި އެކައުންޓެއްތޯ ޔަޤީންކުރުން.


މީގެ އިތުރުން، އެއްވެސް ފަރާތަކުން ފޮނުވާ ލިންކުތަކަށް ނުފިއްތުމަށާއި، އޯޓީޕީ ނުވަތަ ވެރިފިކޭޝަން ކޯޑު އެއްވެސް މީހަކަށް ހިއްސާ ނުކުރުމަށް ފުލުހުން ތަކުރާރުކޮށް ނަސޭހަތްތެރިވެއެވެ. އަދި ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް އެކަން ރިޕޯޓުކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450