ޚަބަރު
ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދަމުން ދިޔަ ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފި
ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދަމުން ދިޔަ ދެމީހުން---
ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދަމުން ދިޔަ ދިވެއްސަކާއި ބިދޭސީއަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ދިވެހި މީހަކީ، ގއ.ގެމެނަފުށި، ރަންކޮކާގެ އުމުރުން 36 އަހަރުގެ ނަދީފް މުޙައްމަދެވެ. މި މަހުގެ 11ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވާއިރު، އޭނާ ބަލާފާސްކުރުމުގެ ތެރޭގައި ކޭޝް ކާޑުތަކާއި، ސިމް ކާޑުތަކާއި، މޯބައިލް ފޯނުތަކެއްގެ އިތުރުން ދިވެހި ރުފިޔާއާއި ޑޮލަރު އޭނާގެ އަތުން ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ނަދީފް ޙައްޔަރުކޮށްފައިވަނީ، ފޭސްބުކް މެދުވެރިކޮށް މުދާ ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ އެހެން މީހެއްގެ އަކައުންޓަށް ޖަމާކުރެވިގެން ނަގާފައިވާ މައްސަލައާއި ގުޅިގެން ކަމުގައި ފުލުހުން ހާމަކުރެއެވެ.
ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް މުދާ ވިއްކާކަމަށްބުނެ އޮޅުވާލައިގެން ފައިސާ ހޯދާ އިތުރު މައްސަލައެއްގައި ދެން ހައްޔަރުކޮށްފައި ވަނީ ނޭޕާލްގެ އުމުރުން 23 އަހަރުގެ ނަކުލު ކޭ ސީއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ އަލަމާރިއެއް ވިއްކާނެކަމަށް ބުނެ އޮޅުވައިލައިގެން ފައިސާ ހޯދި މައްސަލައާ ގުޅިގެން މި މަހުގެ 7ވަނަ ދުވަހުއެވެ.
ނަދީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ ބަންދެއްގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ނަކުލް ކޭ ސީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި 2 މައްސަލަ އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއެވެ.