ޚަބަރު
މާރުކޭޓް ސަރަޙައްދު މަގުހެދުން: ތާރުއެޅި ސަރަޙައްދު އަންގާރަ ދުވަހު ހުޅުވާލަނީ
ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ
މާލޭގެ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތައް ނިންމައި، އަންނަ އަންގާރަ ދުވަހު އެ ސަރަޙައްދު އާއްމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް މަސައްކަތް ނިންމައި، މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީ ކުރަމުންދަނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، ދެވަނަ ފިޔަވަހީގެ ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. "މިހާރު ކުރިއަށްދަނީ މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތާއި މަގު ބައްތި ޖެހުމުގެ މަސައްކަތްތައް" ކަމަށް އެ ކުންފުނިން ބުނެއެވެ. މި މަސައްކަތްތައް ނިންމައި އަންގާރަ ދުވަހު މަގު ހުޅުވާލުމަށް ދަނީ ތައްޔާރުވަމުންނެވެ.
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 250 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރު އަޅާފައެވެ. އަދި މަގު ފުޅާކުރުމުގެ ގޮތުން ފަޅުތެރެއިން ބައެއް ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް މަގަށް ވަނީ އިތުރުކޮށްފައެވެ. މީގެ ސަބަބުން ބާޒާރުމަތީގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި ވިޔަފާރިވެރިންނަށާއި އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ޚާއްޞަކޮށް ރަމަޟާންމަހު ބާރުބޮޑުވާ މި ސަރަޙައްދު ތަރައްޤީވެގެން ދިއުމަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ލިބޭނެ ބޮޑު ލުޔެއް ކަމަށް ސަރުކާރުން ދެކެއެވެ. މަސައްކަތް އެއްކޮށް ނިމުމުން އެ ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.