ޚަބަރު
ވަކި މީހެއްގެ ދަރިއަކަށްވުން އެއީ ކުޅުންތެރިއެއްގެ ޙައްޤަކުން މަހްރޫމްވާންޖެހޭ ސަބަބެއް ނޫން: ޠަލާލް
ސްޕޯޓްސް ކޮމިޝަނަރ ޠަލާލް. ފޮޓޯ: ޕީއެސްއެމް
ހުލާސާ
ވަކި މީހެއްގެ ދަރިއަކަށްވުން ނުވަތަ ވަކި އާއިލާއަކަށް ނިސްބަތްވުމަކީ ކުޅިވަރު ކުޅޭ ކުޅުންތެރިއަކު އެ ކުޅުންތެރިއެއްގެ ޙައްޤުތަކުން މަހްރޫމްވާންޖެހޭ ސަބަބެއް ނޫން ކަމަށް ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.
ސްޕޯޓްސް ކޮމިޝަނަރ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުން ޢުމޭރް މުޙައްމަދު މުޢިއްޒު މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ނޮމިނޭޓްވުމާ ގުޅިގެން، އިދިކޮޅު ބައެއް ފަރާތްތަކުން އެކަމާ މެދު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޠަލާލް ވަނީ ކުޅިވަރުގެ މާހައުލުގައި ހިނގަމުންދާ ބައެއް ނޭދެވޭ ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ.
ޠަލާލް ވިދާޅުވީ ކުޅިވަރުގައި ވާނުވާ ނޭނގި ނަމަވެސް، ކަންކަމުގެ ޙަޤީޤަތް އޮޅުވާލުމުގެ ބޭނުމުގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ގަނާކޮށް، ފުރާއްސާރަކޮށް، ހަޖޫ ޖެހުމުގެ ސަބަބުން ހަލާކުވެގެންދަނީ ޤައުމުގެ ކުޅިވަރުގެ މުސްތަޤްބަލް ކަމަށެވެ. އަދި ކޮންމެ ކުއްޖަކީވެސް އެ ކުއްޖެއްގެ އަމިއްލަ ހުނަރުން ކާމިޔާބީ ހޯދުމުގެ ފުރުޞަތު އޮންނަންޖެހޭނެ ކުއްޖެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ވަކި މީހެއްގެ ދަރިއަކަށްވުން، ވަކި ޢާއިލާއަކަށް ނިސްބަތްވުން އެއީ އެ ކުޅުންތެރިއެއްގެ ޙައްޤަކުން މަހްރޫމްވާންޖެހޭ ސަބަބެއް ނޫން. އެ ކުއްޖެއްގެ ހުނަރުން އެ ކުއްޖަކު ހޯދާ ކާމިޔާބީއަކީ އެ ކުއްޖެއްގެވެސް އަދި ޤައުމުގެވެސް ކާމިޔާބީއެއް،" ޠަލާލް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކުޅުންތެރިން ހޯދާ ކާމިޔާބީތަކުގެ ފައިދާ މުސްތަޤްބަލުގައި ކުރާނީ މުޅި ޤައުމަށް ކަމަށެވެ. އެހެންކަމުން، ކުޅުންތެރިން ހޯދާ ކާމިޔާބީތަކުގައި އެ ކުޅުންތެރިންނަށް ހިތްވަރުދީ، ކުރިއަށް ދިއުމުގެ މަގު ދައްކައިދިނުމަކީ ކުޅިވަރުގެ މުސްތަޤްބަލް އުޖާލާ ކުރުމަށް އެޅޭނެ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށްވެސް ސްޕޯޓްސް ކޮމިޝަނަރ ޠަލާލް ވިދާޅުވިއެވެ.