Ads by PNC

ޚަބަރު

ގައިން ގަޔަށް އަރާ ބަލިތައް ފެތުރުން އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

ގައިން ގަޔަށް އަރާ ބަލިތައް ފެތުރުން އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ފެބްރުއަރީ 2026، 05:33

15 ފެބްރުއަރީ 2026، 05:33

މިދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުމާއި، އަރިދަފުސް ރޯގާ އަދި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

 ދައުލަތުުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފާތިމަތު ނަޖުދާ ވިދާޅުވީ، ވޭތުވެދިޔަ ޖަނަވަރީ މަހު އެކަނިވެސް ބޭރަށް ހިންގުމުގެ 5،000 އަށްވުރެ ގިނަ ކޭސް އަދި އަރިދަފުސް ރޯގާގެ 6،000 އަށްވުރެ ގިނަ ކޭސް ރިކޯޑުކުރެވިފައިވާ ކަމަށެވެ.

ނަޖުދާ އިތުރަށް ހާމަކުރެއްވި ގޮތުގައި، ޑެންގީ ހުމުގެ 300 އަށްވުރެ ގިނަ ކޭސް ވެސް މި މުއްދަތުގައި ވަނީ ރިކޯޑުކުރެވިފައެވެ. ބަލިތައް އެންމެ ގިނައިން ފެތުރެމުންދަނީ މާލެ ސަރަޙައްދުގައި ކަމަށްވާއިރު، މީގެ މައިގަނޑު ސަބަބަކީ ބޮޑު ޗުއްޓީއާ ދިމާކޮށް އުމްރާގެ އަޅުކަމަށާއި އެހެނިހެން ބޭނުންތަކަށް ރާއްޖޭން ބޭރަށް ދަތުރުކުރި މީހުން އިތުރުވުމާއި، އަތޮޅުތަކުން މާލެއަށް ގިނަ ބަޔަކު ޒިޔާރަތްކުރުން ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.

އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓަންޓް އިން ޕީޑިއެޓްރިކްސް، ޑރ. އަޙްމަދު ފައިސަލް ވިދާޅުވީ ބޭރަށް ހިންގުން ފަދަ ބަލިތައް އެންމެ ބޮޑަށް ފެތުރެނީ ފެނާއި ކާބޯތަކެތީގެ ޒަރިއްޔާއިން ކަމަށެވެ. އެގޮތުން ކެއުމުގެ ކުރިން އަތް ނުދޮވުމާއި، ކާނާ ރައްކާތެރިކަމާއެކު ތައްޔާރު ނުކުރުމަކީ ބަލިޖެހުމަށް އޮތް ބޮޑު ފުރުޞަތެކެވެ. ޚާއްޞަކޮށް ފިނިކޮށްފައި ހުންނަ ތަކެތި ފިނި ފިލުވުމަށްފަހު އަލުން ފިނިކުރުމަކީ ޖަރާސީމު އަށަގަތުމަށް މަގުފަހިވާ ކަމެއްކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

އަރިދަފުސް ރޯގާއާ ގުޅޭގޮތުން ޑރ. ފައިސަލް ވިދާޅުވީ، ބަލިޖެހިފައިވާ މީހަކާ ސީދާ ދިމާވުމުން ނުވަތަ އެމީހަކު ބޭނުންކޮށްފައިވާ އެއްޗެއް ބޭނުންކުރުމުން ބަލި ފެތުރޭ ކަމަށެވެ. މިސާލަކަށް އޭޓީއެމް ފަދަ ގިނަ ބަޔަކު ބޭނުންކުރާ ތަންތަނުން ޖަރާސީމު ފެތުރުމުގެ ފުރުޞަތު ބޮޑެވެ. އެހެންކަމުން އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ބަލިން ރައްކާތެރިވުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ޑެންގީ ހުން ފެތުރުން ހުއްޓުވުމަށްޓަކައި މަދިރި އާލާވާ ތަންތަން ނައްތާލުމަކީ އެންމެ މުހިންމު ފިޔަވަޅު ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. މަދިރީގެ ޒަރިއްޔާއިން ބަލި ފެތުރޭތީ، ގޯތިތެރެއާއި އާންމު ތަންތަނުގައި ފެން ހަރުލާފައި ހުންނަ ތަންތަން ސާފުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މި ބަލިތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުންވެސް ސިއްޙީ އިރުޝާދުތަކަށް ބޯލެނބުމަށް ކަމާބެހޭ ފަރާތްތަކުން ބާރުއަޅުއްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450