ޚަބަރު
އިމިގްރޭޝަންގެ ރީޖަނަލް އޮފީހެއް ކުޅުދުއްފުށީގައި ހުޅުވައިފި
ކުޅުދުއްފުށީގައި އިމިގްރޭޝަންގެ ރީޖަނަލް އޮފީހެއް ހުޅުވުން. ފޮޓޯ: އިމިގްރޭޝަން
ހދ. ކުޅުދުއްފުށި ސިޓީގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ޤާއިމުކޮށްފައިވާ އައު ރީޖަނަލް އޮފީސް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި އޮފީސް ހުޅުއްވައިދެއްވީ، ޑެޕިއުޓީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު އަޝްފާންއެވެ.
މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮންޓްރޯލަރ ޖެނެރަލް އަޙްމަދު އަޝްފާން ވިދާޅުވީ، "މި އައު އޮފީހާއެކު އެ ސިޓީގައި މަސައްކަތް ކުރާ އޮފިސަރުންނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބިގެންދާނެ" ކަމަށެވެ. އަދި މީގެ ސަބަބުން މަސައްކަތުގެ މާޙައުލަށް ބޮޑު ކުރިއެރުމެއް އަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އައު އޮފީސް ޤާއިމުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އިމިގްރޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިތުރު ލުއިފަސޭހަތަކެއް މަގުފަހިކޮށްދިނުމެވެ. މީގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންނަށް ކުރިއަށްވުރެ އަވަސް ޚިދުމަތެއް ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޚިދުމަތް ފުޅާކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓް 12 ވަނަ ދުވަހު ބ. އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމުކޮށްފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި އދ. އަތޮޅުގައިވެސް ވަނީ އިމިގްރޭޝަން އޮފީހެއް ހުޅުވާފައެވެ.
ކުޅުދުއްފުށީގައި މިއަދު ހުޅުވި އޮފީހާއެކު، ރާއްޖޭގައި މިހާރު އިމިގްރޭޝަންގެ ދެ ރީޖަނަލް އޮފީސް ހުންނާނެއެވެ. ކުޅުދުއްފުށީގެ އިތުރުން ދެން ރީޖަނަލް އޮފީހެއް ހުންނަނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ ހިތަދޫގައެވެ.