ޚަބަރު
ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ގޮފި ގުޅިގެން ޚާއްޞަ ވޯކްޝޮޕެއް ބާއްވައިފި
ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ގޮފި ގުޅިގެން ބޭއްވި ވޯކްޝޮޕް ފޮޓޯ: ޕީއެންސީ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަންހެނުންގެ ގޮފި އަދި ޒުވާނުންގެ ގޮފި ގުޅިގެން ޚާއްސަ ވޯކްޝޮޕެއް މިއަދު ބާއްވައިފިއެވެ.
މެންހެޓަން ބިޒްނަސް ހޮޓެލްގައި މިއަދު ހެނދުނު 10:00 އިން ހަވީރު 15:00 އަށް ކުރިއަށްދިޔަ މި ވޯކްޝޮޕްގައި ޕާޓީގެ 100 އެއްހާ ބައިވެރިން ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ސިޔާސީ ހަރަކާތްތައް ރާވާ ހިންގުމާއި، ޕާޓީގެ އަންހެނުންގެ ގޮފި އަދި ޒުވާނުންގެ ގޮފި ގުޅިގެން އެކުއެކީގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.
"ފަރުދުން" މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޕީއެންސީގެ އަންހެނުންގެ ގޮފީގެ ރައީސާ ހީނާ ވަލީދު ވިދާޅުވީ، މިއީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ދެ ގޮފިން އިންތިޒާމްކޮށްގެން ބޭއްވުނު ވަރަށް މުހިންމު އަދި އެހާމެ ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. އަދި ކެނޑިޑޭޓުންނަށް ސަޕޯޓް ދިނުމަށާއި، ކެނޑިޑޭޓުންނާ އެކީގައި އިންތިޚާބު ކާމިޔާބުކުރުމަށް ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާއި، ކެނޑިޑޭޓުންނާ އެކު ވާހަކަ ދައްކާނެ ގޮތުގެ އިތުރުން 'ޑޯ-ޓޫ-ޑޯ' ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައް ބައިވެރިންނާ ހިއްސާކުރެވުނު ކަމަށް ހީނާ ވިދާޅުވިއެވެ.
މި ވޯކްޝޮޕާ ގުޅޭގޮތުން ޕީއެންސީގެ އަންހެނުންގެ ގޮފީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވީ، މި ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. މެންބަރު ސައުދާ ފާހަގަކުރެއްވި ގޮތުގައި، މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ސިޔާސީ މައިދާނުގައި ޒުވާނުންނާއި އަންހެނުންގެ ދައުރު އޮތީ ކިހިނެއްތޯ ބަލައި، އިތުރަށް ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މި ބައްދަލުވުން ނިމިގެން ދިޔައީ ވަރަށް 'ޕްރޮޑަކްޓިވް' ކޮށް ކަމަށްވެސް ވިދާޅުވިއެވެ.
ޕީއެންސީ ޒުވާނުންގެ ގޮފީގެ މެންބަރު މުޙައްމަދު ޔައިޝް ވިދާޅުވީ، މިއީ ޒުވާނުންނާއި އަންހެނުން އެކި ކަންކަމަށް ހޭލުންތެރިކުރުވުމަށް ބޭއްވި ވޯކްޝޮޕެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކަތަކުގެ ހަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މި ބައްދަލުވުމުގައި އަލިއަޅުވާލެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. ޔައިޝް އިތުރަށް ވިދާޅުވީ، ކުރިއަށް ހުރި އިންތިޚާބުތަކުގެ މަންޒަރު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.
މި ވޯކްޝޮޕަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ލޯކަލް ކައުންސިލްތަކުގެ މެޖޯރިޓީ ހޯދުމަށް ޕީއެންސީން ފަށާފައިވާ ސިޔާސީ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު މުހިންމު ހަރަކާތެކެވެ.