ޚަބަރު
ސަރުކާރުގެ ރޯދަ ހަދިޔާ:ހަ ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ރޯދަހަދިޔާ ބަހާ ނިމިއްޖެ
ސަރުކާރުގެ ރޯދަހަދިޔާ ބެހުން
ސަރުކާރުން ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އެންމެ 6 ރަށް ފިޔަވައި އެހެން ހުރިހާ ރަށެއްގައި މަސްދަޅު ބަހާ ނިންމާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް އަތޮޅުތެރޭގައި ކުރިއަށް ގެންގޮސްފައިވަނީ ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށްގެންނެވެ. މާލެ ސަރަޙައްދުގައި ކުރިން އެކި ސަރަޙައްދުތަކުގައި މި މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް، މިހާރު މާލެ ސަރަޙައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރަމުންދަނީ މިފްކޯ މަރުކަޒުންނެވެ.
ވަޒީރު ޢާދަމް ޝަރީފް އުމަރު ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ދިޔައިރު، ރަށްރަށުގައި ދިރިއުޅޭ މީހުންގެ ގޭބިސީ ލިސްޓެއް އަދާހަމަކޮށް ބެލެހެއްޓުމުގެ މުހިންމުކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ލިބުނު ފުރުޞަތެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
މާލެ ސަރަޙައްދުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ 14 ވަނަ ދުވަހުގެ ރެއާ ހަމައަށް 53,895 ގޭބިސީއަކުން ވަނީ މަސްދަޅު ކޭސް ނަގާފައެވެ. ނަމަވެސް، މާލެ ސަރަޙައްދުގައި ހިމެނޭ 65,639 ގޭބިސީގެ ތެރެއިން 11,700 އަށްވުރެ ގިނަ ގޭބިސީން އަދިވެސް މަސްދަޅު ކޭސް ނަގާފައިނުވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން، މިދިޔަ އަހަރާއި މިއަހަރު ރޯދަ ހަދިޔާގެ ގޮތުގައި ދެއްވަމުން ގެންދަވަނީ 48 ދަޅު ހިމެނޭ މަސްދަޅު ކޭހެކެވެ. ވެރިކަމުގެ ފުރަތަމަ އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ދެއްވާފައިވަނީ ކާޑުގެ ބާވަތްތަކެވެ.