Ads by PNC

ޚަބަރު

މަޓީގެ އެގްޒެކެޓިވް ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޙުސައިން އަފީފް އިންތިޚާބުކޮށްފި

މަޓީގެ އެގްޒެކެޓިވް ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޙުސައިން އަފީފް އިންތިޚާބުކޮށްފި

މަޓީގެ 36 ވަނަ އަހަރީ ޢާއްމު ޖަލްސާ. ފޮޓޯ: މަޓީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ފެބްރުއަރީ 2026، 10:35

16 ފެބްރުއަރީ 2026، 10:35

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އެގްޒެކެޓިވް ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް މަޝްހޫރު ވިޔަފާވެރިޔާ ޙުސައިން އަފީފް އިންތިޚާބުކޮށްފިއެވެ.

އަފީފް މި މަޤާމަށް އިންތިޚާބުކޮށްފައިވަނީ ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ 36 ވަނަ އަހަރީ ޢާއްމު ޖަލްސާގައެވެ.

މި ޖަލްސާގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވުޒާރާތަކާއި، އިދާރާތަކުގެ އިތުރުން އެކި ކުންފުނިތަކުގެ 112 މެންބަރުންނާއި މުހިންމު ހިއްސާދާރުން ބައިވެރިވެފައިވެއެވެ. ޖަލްސާ ފައްޓަވައިދެއްވަމުން ޗެއަރމަން ޙުސައިން އަފީފް ދެއްކެވި ވާހަކަފުޅުގައި، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަޓީން އަދާކޮށްފައިވާ މުހިންމު ދައުރަށް އަލިއަޅުއްވާލެއްވިއެވެ. އަދި ކުރިއަށް އޮތް ދައުރުގައި މަޓީގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ގިނަ ރޭވުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ޖަލްސާގެ އެންމެ ޚާއްޞަ އެއް ބަޔަކީ މަޓީގެ ކުރީގެ ޗެއަރމަން، ނިޔާވެފައިވާ އަލްމަރުޙޫމް މުޙައްމަދު އުމަރު މަނިކުގެ ހަނދާން އައު ކުރުމެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އެމަނިކުފާނު ކޮށްދެއްވި އަގުނުކުރެވޭ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، މަޓީގެ ފުރަތަމަ 'މެންބަރ އޮފް އޮނަރ' ގެ ލަޤަބު އެމަނިކުފާނަށް ވަނީ އަރުވާފައެވެ.

ޖަލްސާގައި 2026 އިން 2029 އަށް މަޓީ ހިންގާނެ އެގްޒެކެޓިވް ބޯޑު އިންތިޚާބުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން، 35 ވަނަ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާއާއި، 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓުތައްވެސް މެންބަރުން ވަނީ ފާސްކޮށްފައެވެ. އަދި މިއަހަރަށް އޮޑިޓަރުންގެ ގޮތުގައި ފާރިސް އެންޑް ކޯ އެލްއެލްޕީ ވަނީ ހަމަޖައްސާފައެވެ.

ޖަލްސާ ނިންމަވާލައްވަމުން އަލަށް އިންތިޚާބުވި ސެކްރެޓަރީ ޖެނެރަލް އަސަދު ޢަލީ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުމާއި ހަރުދަނާ ސިޔާސަތުތަކެއް އޮތުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

މަޓީއަކީ ރާއްޖޭގެ ރިސޯޓްތައް ތަމްސީލްކުރާ އެންމެ ބޮޑު އަދި މައި ޖަމްޢިއްޔާއެވެ. މި ޖަމްޢިއްޔާގައި މިހާރުވެސް 120 އަށްވުރެ ގިނަ ރިސޯޓު މެންބަރުންގެ ގޮތުގައި ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450