ޚަބަރު
ގުޅީ ބަނދަރު ހެދުމުގެ މަޝްރޫޢު: ފަޅު ފުންކުރުމާއި ތޮށީގެ ބްލޮކް ޖެހުން ކުރިއަށް
ކ.ގުޅި ބަނދަރު ހެދުން. ފޮޓޯ: އެމްޓީސީސީ
ކ. ގުޅީ ބަނދަރު އަޕްގްރޭޑްކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ސައިޓުގައި ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 530 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅައި، އެޕްރީލް 2024 ގައި ޢަމަލީ މަސައްކަތް ފެށި މަޝްރޫޢެކެވެ. މި މަޝްރޫޢު ފަށާފައިވަނީ ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އެ ރަށަށް 10.15 ހެކްޓަރުގެ ބިން އިތުރުކޮށް، ނޮވެމްބަރު 2025 ގައި އެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމަށް ފަހުގައެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 65,854 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފަޅު ފުންކުރުމާއި، 236 މީޓަރުގެ އެއްގަމުތޮށި ލުމާއި، ކުރިން ހުރި ތޮށި މަރާމާތުކުރުން ހިމެނެއެވެ. އަދި ބޭރުގެ ބާނިތަކުން ބަނދަރު ހިމާޔަތްކުރުމަށް 319 މީޓަރުގެ ބޭރުތޮށްޓެއް ލުމާއި ރިވެޓްމެންޓް ޖެހުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން، އުޅަނދުފަހަރު ކައިރިކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން 120 މީޓަރު ދިގު، 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއަކާއި ރޭމްޕްތައް ހެދުމާއި، ބަނދަރު ސަރަޙައްދުގައި ޕޭވްމަންޓް އެޅުމުގެ އިތުރުން ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭގޮތުގައި އެއްގަމުތޮށި ލުމަށް ބޭނުންވާ ޕްރީ-ކާސްޓް ކޮންކްރީޓް ބްލޮކްތައް މިހާރު ވަނީ ރަށަށް ގެންގޮސްފައެވެ. އަދި ބަނދަރުގެ ފަޅު ފުންކުރުމުގެ މަސައްކަތާއެކު، ތޮށީގެ ބްލޮކްތައް އަތުރައި އެއްގަމުތޮށި އެޅުމުގެ މަސައްކަތް މިހާރު ދަނީ ހުއްޓުމެއްނެތި ކުރިއަށެވެ.