ޚަބަރު
ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށް
ކުނަހަންދޫ އައުޓްޑޯ ވޮލީކޯޓް. ފޮޓޯ: އެމްޓީސީސީ
ލ. ކުނަހަންދޫގައި ތަރައްޤީކުރާ އައުޓްޑޯ ވޮލީ ކޯޓު އެޅުމުގެ މަޝްރޫޢުގެ ދަށުން، ޓާފް އެޅުމަށް ބިންގަނޑު ތައްޔާރުކުރުމާއި ފެންސް ޖެހުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރަށްރަށުގެ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށް، ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި އެއްބަސްވުމުގެ ދަށުން އައުޓްޑޯ ވޮލީ ކޯޓެއް އެޅުމުގެ އިތުރުން ކުނަހަންދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.
މަޝްރޫޢުގެ ތެރެއިން މިހާތަނަށް ސައިޓް ލެވެލްކުރުމާއި ބިން އެއްވަރުކުރުމުގެ މަރުޙަލާ ފުރިހަމަކޮށްފައިވާއިރު، މިހާރު ކުރިއަށްދަނީ ކޯޓުގެ ސަބް-ސަރފޭސްއަށް ބޭނުންވާ ފަށަލަތައް އެޅުމާއި ޓާފް އެޅުމަށް ބިންގަނޑު ތައްޔާރުކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން ކޯޓުގެ ވަށައިގެން ޖަހާ ޕީވީސީ ފެންސް ހަރުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.