ޚަބަރު
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ރިސޯޓުތައް އޮޑިޓްކުރަން ޖެހޭ: ގަވަރުނަރު
ގަވަރުނަރު އަހުމަދު މުނައްވަރު ބަގެޓް ކޮމިޓީގައި ވާހަކަ ދައްކަވަނީ - ފޮޓޯ: މަޖިލިސް
ރާއްޖޭގައި ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ކުދި ވިޔަފާރިތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތައް ވެސް ހަރުދަނާ އުސޫލަކުން އޮޑިޓްކުރަން ޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްގެ ރިޔާސަތުގައި މިއަދު ކުރިއަށްދިޔަ ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، މީރާގެ އޮޑިޓްތައް ހަމައެކަނި ކަންމަތީ ފިހާރަތަކަށް އަމާޒުކުރުމުގެ ބަދަލުގައި، ރިސޯޓުތަކުގެ ހިސާބުތައް ވެސް ފުންކޮށް ބަލައި އޮޑިޓްކުރުން މުހިންމު ކަމަށެވެ.
މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ހާމަކުރެއްވި ގޮތުގައި، ރާއްޖޭގައި ހިންގާ 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ ގާތްގަނޑަކަށް އެންމެ 50 ރިސޯޓުންނެވެ. ބާކީ ހުރި ރިސޯޓުތަކުން ޓެކްސް ނުދައްކާ މައްސަލައަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ، މިއީ ފައިދާ ނުވާތީ ވާގޮތެއްތޯ ނުވަތަ އެހެން މައްސަލައެއް އުޅެނީތޯ ކަށަވަރުކުރުމަށްޓަކައި ހިސާބުތައް އޮޑިޓްކުރަން ލާޒިމުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މީރާއިން ޝެއާ ކޮށްފައިވާ ހިސާބުން، 185 ރިސޯޓްގެ ތެރެއިން ގާތްގަނޑަކަށް 50 ރިސޯޓެއް އިނގޭތޯ އިންކަމް ޓެކްސް ޕޭކުރަނީ. އިންކަމް ޓެކްސް ޕޭކުރަނީ އެންމެ 50 ވަރަކަށް ރިސޯޓުން. އޭގެ މާނައަކީ ކޮބައިތޯ، އެއް ގޮތަކީ ފައިދާއެއް ނުވުން ނޫނީ ކޮންމެވެސް ކަހަަލަ މައްސަލަތަކެއް އެބައުޅޭ ނޫންތޯ،"
"އެހެންވީމާ އޮޑިޓްކުރަން އެބަޖެހޭ ނޫންތޯ؟ އޮޑިޓްކުރަން އެބަޖެހޭ އެ ބޭފުޅުންގެ ހިސާބުތައް. އެހެންވީމާ ކަންމަތީ ފިހާރައަށް އެކަންޏެއް ނޫން މީރާ ދާންވީކީ. އަޅުގަނޑުމެންގެ ޓޫރިޒަމްގެ ހުރި ހިސާބުތައް ރަނގަޅުތޯ ވެސް ބަލަން އެބަޖެހޭ."
ގަވަރުނަރު ވިދާޅުވިއެވެ
މީގެ އިތުރުން، ޓޫރިޒަމް އިންޑަސްޓްރީން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 5.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާއިރު، ރާއްޖޭގެ ރަސްމީ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަނީ އެންމެ 3.8 ބިލިއަން ޑޮލަރުކަން ގަވަރުނަރު ފާހަގަކުރެއްވި އެވެ. އެހެންކަމުން ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރަކީ ރަސްމީ ބޭންކިން ވިއުގަ މެދުވެރިކޮށް ދައުރުވާ އެއްޗަކަށް ހެދުމަށްޓަކައި މިހާރު ވެސް ހާއްސަ މޮނިޓަރިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އަންނަ އަހަރު މި ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ގަވަރުނަރު ވިދާޅުވި ގޮތުގައި ލިބޭ ހުރިހާ ޑޮލަރެއް ބޭންކުތަކަށް ވަންނަ ނަމަ، ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ޑޮލަރު ފޯރުކޮށްދިނުމުގެ ގާބިލުކަން ގައުމުގައި އެބަހުއްޓެވެ.
"މޮނިޓާކުރަން އެބަޖެހޭ އިނގޭތޯ، މޮނިޓާނުކުރީމާ ވާ ގޮތަކީ އެ ޑޮލަރެއް ނުވަދޭ ރާއްޖޭގެ ބޭންކިން ސިސްޓަމަކަށް. ބޭންކިން ސިސްޓަމަށް ނުވަންޏާ ވާނެ ގޮތަކީ އެ ދައުރެއް ނުވާނެ ނޫންތޯ ރާއްޖޭގައި،"
ގަވަރުނަރު ވިދާޅުވި އެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ބައެއް ފަރާތްތަކުން އެކްސްޗޭންޖް ރޭޓް ފްލޯޓް ކުރުމަށް (އަގު ބާޒާރަށް ދޫކޮށްލުމަށް) ވަކާލާތު ކުރި ނަމަވެސް، މިވަގުތު އެކަން ކުރެވެން ނެތް ސަބަބު ވެސް މުނައްވަރު ތަފްސީލުކޮށްދެއްވި އެވެ. އެގޮތުން، ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ކޮންޓްރޯލް ކުރަނީ ކަޅުބާޒާރުން ކަމަށްވާތީ، މި ދަނޑިވަޅުގައި ރޭޓް ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ކުރެވެން އޮތް ކަމެއް ނަމަ ކުރީގެ ސަރުކާރުތަކުން ވެސް އެކަން ކުރީސް ކަމަށް އޭނާ ވިދާޅުވި އެވެ.
ގަވަރުނަރު ނިންމަވާލައްވަމުން ވިދާޅުވީ، އަޅަމުންދާ ފިޔަވަޅުތަކާއެކު ވެސް ޑޮލަރުގެ ތާށިކަމަކީ އެއް ދުވަހުން ނުވަތަ ކުއްލިއަކަށް ހައްލުކުރެވޭނެ މައްސަލައެއް ނޫން ކަމަށާއި، މިކަމަށް ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.