Ads by Farudhun

ޚަބަރު

ގަވާއިދާ ޚިލާފަށް ކުއްޔަށް ދޫކުރި 18 ފްލެޓެއްގެ މައްސަލަ އެފްޑީސީން ބަލައި، ފިޔަވަޅު އަޅަން ފަށައިފި

ގަވާއިދާ ޚިލާފަށް ކުއްޔަށް ދޫކުރި 18 ފްލެޓެއްގެ މައްސަލަ އެފްޑީސީން ބަލައި، ފިޔަވަޅު އަޅަން ފަށައިފި

އެފްޑީސީ ފްލަޓްތައް - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

10 ނޮވެމްބަރު 2026، 08:04

10 ނޮވެމްބަރު 2026، 08:04

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓުތަކުގެ ތެރެއިން، އުސޫލުތަކާ ޚިލާފަށް ކުއްޔަށް ދޫކޮށްފައިވާ 18 ފްލެޓެއްގެ މައްސަލަ ފާހަގަކުރެވި، އެ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށައިފިއެވެ.

އެފްޑީސީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފުވެގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 92 މައްސަލައެއް އެ ކޯޕަރޭޝަނަށް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި ހުއްދައަކާ ނުލައި އެހެން ފަރާތްތަކަށް ފްލެޓް ކުއްޔަށް ދީފައިވާ 18 މައްސަލައެއް ހިމެނެއެވެ.

މި މައްސަލަތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލު ހާމަކުރަމުން އެފްޑީސީން ބުނީ، ޤަވާއިދާ ޚިލާފަށް ފްލެޓް ކުއްޔަށް ދޫކުރި 7 ފަރާތެއް މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކަމަށާއި، އިތުރު 2 ފަރާތަކަށް އިންޒާރުގެ ނޯޓިސް ދީފައިވާ ކަމަށެވެ. އަދި މިފަދަ އިތުރު 9 މައްސަލައެއްގެ ތަހުގީގު މިހާރުވެސް ދަނީ ކުރިއަށެވެ.

އެ ކުންފުންޏަށް ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ހުއްދަނެތި ފްލެޓްތަކުގެ އޮނިގަނޑަށް ބަދަލުގެނައުމުގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 44 މައްސަލައެއް ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން 14 ފަރާތެއް ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އެކަކަށް އިންޒާރު ދީފައިވާއިރު، އިތުރު 29 މައްސަލައެއް ބަލަމުންދާ ކަމަށް އެފްޑީސީން ބަޔާންކުރެއެވެ.

މީގެ އިތުރުން ހުށަހެޅިފައިވާ އެހެނިހެން މައްސަލަތަކަށް ބަލާއިރު:

  • އާންމު ތަންތަނަށް ގެއްލުން ދިނުން: ޖުމްލަ 16 މައްސަލަ (5 މައްސަލައެއްގައި އިންޒާރުދީ، 11 މައްސަލައެއް ބަލަނީ)
  • ކުންފުނީގެ އެންގުންތަކަށް އަމަލުނުކުރުން: ޖުމްލަ 10 މައްސަލަ (1 މައްސަލައެއްގައި އިންޒާރުދީ، 9 މައްސަލައެއް ބަލަނީ)
  • ކުނި އެޅުމުގެ ގަވާއިދާ ޚިލާފުވުން: ޖުމްލަ 4 މައްސަލަ (2 ފަރާތެއް ޖޫރިމަނާކޮށް، 2 މައްސަލައެއް ބަލަނީ)
    މި ފިޔަވަޅުތަކުގެ އިތުރުން، ފްލެޓްތަކުގެ ކުލި ގަވާއިދުން ދެއްކުމަށް ބާރުއެޅުމުގެ ގޮތުން އެފްޑީސީން ކުރިއަށްގެންދިޔަ މޮނިޓަރިންގ މަސައްކަތްތަކާއެކު ބޮޑު ކުރިއެރުމެއް ލިބިފައިވާކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ. އެގޮތުން ނޮވެމްބަރު 4 ވަނަ ދުވަހުގެ ނިޔަލަށް، ހައުސިންގ ޔުނިޓުތަކަށް ކުލި ދައްކާ މިންވަރު ވަނީ 12.2 އިންސައްތަ އިތުރުވެފައެވެ. ކުރިން 3،362 ޔުނިޓުން ގަވާއިދުން ކުލި ދައްކަމުން ދިޔަ ނަމަވެސް، މިހާރު އެ އަދަދު ވަނީ 3،432 އަށް އަރާފައެވެ.

އަދި މޮނިޓަރިންގ ވަރުގަދަކުރުމުގެ ނަތީޖާއެއްގެ ގޮތުން، ކުރިން ފައިސާ ނުދައްކައި ހުރި ޔުނިޓުތަކުގެ އަދަދު 564 އިން 495 އަށް ދަށްކުރެވިފައިވާ ކަމަށްވެސް އެފްޑީސީން ނެރުނު ބަޔާނުގައި ވެއެވެ.

އެފްޑީސީން ބުނީ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން އަދި ހިތްފަސޭހަ މާހައުލެއް ކަށަވަރުކޮށްދިނުމަށާއި، އިމާރާތްތަކުގެ ދެމެހެއްޓެނިވި ބެލެހެއްޓުމަށްޓަކައި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި އުސޫލުތަކާ ޚިލާފުވާ ފަރާތްތައް މޮނިޓަރކޮށް، ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް މެދުކެނޑުމެއްނެތި އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ކޯޕަރޭޝަނުން ދެއެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450