ދުނިޔެ

އިޒްރާއިލުން ހަމަލާތައް ވަރުގަދަކޮށް، ޣައްޒާގެ އެކި ސަރަހައްދުތަކުން 10 މީހުން ޝަހީދުކޮށްލައިފި

އިޒްރާއިލުން ހަމަލާތައް ވަރުގަދަކޮށް، ޣައްޒާގެ އެކި ސަރަހައްދުތަކުން 10 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ ޝަހީދުން ތަކެއްގެ މައްޗަށް ކަށުނަމާދު ކުރެވެނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ފެބްރުއަރީ 2026، 10:35

16 ފެބްރުއަރީ 2026، 10:35

އާދީއްތަ ދުވަހުގެ ފަތިހުން ފެށިގެން އިޒްރާއިލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 10 ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެއެވެ.

 މި ހަމަލާތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެގެން ގާއިމުކުރި ކަމަށް ބުނާ "ސުލްހައިގެ އެއްބަސްވުމާ" އިޒްރޭލުން ތަކުރާރުކޮށް ޚިލާފުވަމުންދާ ދަނޑިވަޅެއްގައި ދީފައިވާ ހަމަލާތަކެކެވެ.

ފަލަސްތީނުގެ ސިވިލް ޑިފެންސުން މައުލޫމާތު ދޭ ގޮތުގައި، ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި މީހުން އެއްވެ އުޅުނު ތަނަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި ހަ މީހަކު ވަނީ ޝަހީދުވެފައެވެ. އެ ސަރަހައްދުގައި އިޒްރޭލުގެ ޑްރޯންތައް ހަރަކާތްތެރިވަމުންދާތީއާއި، ކައިރިވާ ކޮންމެ މީހަކަށް ހަމަލާދެމުންދާތީ، ޝަހީދުވި ދެ މީހެއްގެ ހަށިގަނޑު ނެގުމަށް ރެސްކިއު ޓީމުތަކަށް ވަނީ ހުރަސްތަކާ ކުރިމަތިވެފައެވެ.

މީގެ އިތުރުން، ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާގެ ހުޅަނގު ފަރާތުގައިވާ އަލް-ފަލޫޖާ ސަރަހައްދުގައި، ގެދޮރު ގެއްލިފައިވާ މީހުން ވަގުތީ ގޮތުން ދިރިއުޅެމުންދިޔަ ފޭލިގެއަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި އިތުރު ހަތަރު މީހަކު ވަނީ ޝަހީދުވެފައެވެ.

މިދިޔަ އޮކްޓޯބަރު މަހު އަމަލުކުރަން ފެށި ސުލްހައިގެ އެއްބަސްވުމާ އިޒްރޭލުން މިހާތަނަށް 1,620 އަށްވުރެ ގިނަ ފަހަރު ޚިލާފުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި އުސޫލުން ހަމަލާދީ އެތައް ސަތޭކަ އާންމުންނެއް ޝަހީދުކޮށްފައިވާއިރު، ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް އިޒްރޭލުން ދަނީ ހުރަސް އަޅަމުންނެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ސުލްހައިގެ އެއްބަސްވުން ގާއިމުކުރި ފަހުން އިޒްރާއީލުން ދިން ހަމަލާތަކުގައި 573 ފަލަސްތީނު މީހުން ޝަހީދުވެ، 1,553 މީހުން ވަނީ ޒަޚަމްވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 292 ކުޑަކުދިންނާއި، އަންހެނުން އަދި އުމުރުން ދުވަސްވީ މީހުން ހިމެނޭއިރު، މީގެ ތެރެއިން 99 އިންސައްތައަކީ އާންމު ރައްޔިތުންނެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 72,061 އަށް އަރާފައެވެ. އަދި މި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 171,715 އަށް އިތުރުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450