ދުނިޔެ
އިޒްރާއީލަށް ތާއީދުކުރާ ޖަމާއަތެއްގެ ފިއްތުންތަކާ ހުރެ ބްރިޓިޝް މިއުޒިއަމުން "ޕަލެސްޓައިން" މި ނަން އުނިކޮށްފި
ބްރިޓިޝް މިއުޒިއަމް
އިނގިރޭސިވިލާތުގެ ބްރިޓިޝް މިއުޒިއަމްގައި ބަހައްޓާފައި ހުރި މެދުއިރުމަތީގެ ގަދީމީ ތާރީޚާ ގުޅޭ މައުލޫމާތުތަކުން "ޕަލަސްޓައިން" ނުވަތަ ފަލަސްތީނު މި ނަން އުނިކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ އިޒްރާއީލަށް ތާއީދުކުރާ ގާނޫނީ ވަކީލުންގެ ޖަމާއަތެއް ކަމަށްވާ "ޔޫކޭ ލޯޔާސް ފޯ އިޒްރާއީލް" (ޔޫކޭއެލްއެފްއައި) އިން ދިން ފިއްތުންތަކާ ގުޅިގެންނެވެ.
މި މިއުޒިއަމްގައި ކުރިން ހުރި ގަދީމީ މިސްރާއި ފޮނީޝިއަނުންނާ ގުޅޭ ޗާޓުތަކާއި މައުލޫމާތު ބޯޑުތަކުގައި މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ އައްސޭރި ފާހަގަކޮށްފައިވަނީ ފަލަސްތީނުގެ ގޮތުގައެވެ. އަދި ބައެއް މީހުންނަކީ "ފަލަސްތީނުގެ ނަސްލަށް ނިސްބަތްވާ" ބައެއްގެ ގޮތުގައިވެސް ސިފަކޮށްފައިވެއެވެ. ނަމަވެސް، މިހާރު ވަނީ މިސްރާ ގުޅޭ ބައެއް މައުލޫމާތުތަކުން މި ނަން އުނިކޮށް، ކުރިއަށް އޮތް ތަނުގައި އެހެން ބޯޑުތަކުންވެސް އެ ނަން އުނިކުރުމަށް ނިންމާފައެވެ.
މިއުޒިއަމްގެ ޑައިރެކްޓަރު ނިކޮލަސް ކަލިނަންއަށް ޔޫކޭއެލްއެފްއައި އިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، އެތައް ހާސް އަހަރެއްގެ ތާރީޚެއް އޮތް މުޅި ސަރަހައްދަށް "ޕަލަސްޓައިން" މި ނަން ބޭނުންކުރުމަކީ ތާރީޚީ ބަދަލުތައް އޮޅުވާލައި، ހަގީގަތާ ހިލާފު ތަސައްވުރެއް އުފެދޭ ކަމެއް ކަމަށެވެ. މިގޮތުން، ހައިކްސޯސް ޕެނަލްގައި ކުރިން އޮތް "ފަލަސްތީނުގެ ނަސްލު" މި ބަސް މިހާރު ވަނީ "ކޭނާނައިޓް ނަސްލު" އަށް ބަދަލުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން މިއުޒިއަމްގެ ތަރުޖަމާނު ވިދާޅުވީ، މެދުއިރުމަތީގެ ގަދީމީ ސަގާފީ ސަރަހައްދުތައް ދައްކުވައިދޭ ޗާޓުތަކުގައި، ބީސީ ދެވަނަ ސާސްކަފުގެ ފަހުކޮޅުގެ ދެކުނު ލެވަންޓް ސަރަހައްދަށް "ކޭނާން" މި ނަން ބޭނުންކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށެވެ. އަދި ޒަމާނީ ބޯޑަރުތައް ދައްކުވައިދޭ ޗާޓުތަކުގައި އދ. އިން ބޭނުންކުރާ ނަންތައް ކަމަށްވާ ޣައްޒާ، ހުޅަނގު އައްސޭރި، އިޒްރާއީލް އަދި އުރުދުން ފަދަ ނަންތައް ބޭނުންކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޔޫކޭއެލްއެފްއައި އަކީ 2011 ވަނަ އަހަރު އުފެދުނީއްސުރެ، އިޒްރާއީލުގެ ސިޔާސަތުތަކަށް ފާޑުކިޔާ ނުވަތަ ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކަށް ފިއްތުންތައް ކުރިމަތިކުރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ ޖަމާއަތެކެވެ. މީގެ ކުރިން އެންސައިކްލޮޕީޑިއާ ބްރިޓޭނިކާ އިން ކުޑަކުދިންނަށް ތައްޔާރުކުރި ތައުލީމީ މާއްދާތަކެއްގައި އިޒްރާއީލުގެ ބަދަލުގައި ފަލަސްތީނު ބޭނުންކުރުމުން، މި ޖަމާއަތުގެ ފިއްތުންތަކާ ހުރެ އެކަންވެސް ވަނީ އަނބުރާ އިޒްރާއީލަށް ބަދަލުކޮށްފައެވެ.