Ads by PNC

ޚަބަރު

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގައި ތާރުއަޅާ ރަމަޟާން މަހުގެ ކުރިން ހުޅުވާލައިފި

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގައި ތާރުއަޅާ ރަމަޟާން މަހުގެ ކުރިން ހުޅުވާލައިފި

ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހި ހިމެނޭ ސަރަޙައްދު/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 ފެބްރުއަރީ 2026، 10:37

16 ފެބްރުއަރީ 2026، 10:37

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މާލޭ ސިޓީގެ ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ސަރަޙައްދުގައި ތާރުއަޅާ ރަމަޟާން މަހުގެ ކުރިން ޢާންމުންނަށް ހުޅުވާލައިފި އެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ މާލެ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރު ފެށޭ ހިސާބެވެ. ބާޒާރުމަތީ ސަރަޙައްދުގެ މަގެ ހެދުމުގެ މަސައްކަތްތައް ފެށީ މިދިޔަ ޑިސެންބަރު މަހުގެ މެދުތެރޭގައެވެ. އަދި ކުރިއަށް މި އޮތް ރަމަޟާން މަހުގެ ކުރިން ބާޒާރު މަތީ ސަރަޙައްދުގެ މަގު، ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދެފުޅެއްވެސް މެއެވެ.

ބޮޑު ތަކުރުފާނުމަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާ ޢާންމުންނަށް ހުޅުވާލުމުގެ ކުރިން މަގު ފެހިކުރުމަށްޓަކައި، ސަރުކާރުގެ "ފަސް މިލިއަން ގަސް" އިންދިމުގެ މަޝްރޫޢުގެ ދަށުން ވަނީ ޚާއްޞަ ގަސް އިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ޙަރަކާތުގައި ދައުލަތުގެ 12 ވަޒީރުން ބައިވެރިވެވަޑައިގަންނަވާފައިވާއިރު، ދައުލަތުގެ އިސްވެރިންނާއި އެމްޓީސީސީގެ މުވައްޒަފުން ވަނީ މި ޙަރަކާތުގައި ބައިވެރިވެ ގަސް އިންދާފައެވެ.

ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅާފައިވާއިރު، މަގު ފުޅާކުރުމުގެ ގޮތުން ފަޅުތެރެއިން ބައެއް ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް މަގަށް އިތުރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މިކަމުގެ ސަބަބުން ބާޒާރުމަތީގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި ވިޔަފާރިވެރިންނަށާއި ޢާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ހަމަ އެއާއެކު، މި މަޝްރޫޢު އެއްކޮށް ނިމުމުން އެ ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގަކަށް ވެގެންދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450