Ads by PNC

ޚަބަރު

ރާއްޖޭގެ ވައި ނުރައްކާތެރި މިންވަރަށް ނުސާފުވެއްޖެ؛ ބޭރަށް ނުކުމެ އުޅުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ވައި ނުރައްކާތެރި މިންވަރަށް ނުސާފުވެއްޖެ؛ ބޭރަށް ނުކުމެ އުޅުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

މާލެއަށް ދުންފިނީގެ އަސަރުކޮށްފައި ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ފެބްރުއަރީ 2026، 01:26

16 ފެބްރުއަރީ 2026، 01:26

ދިވެހިރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ދުންފުނީގެ އަސަރު ފޯރައި، ވައި ނުރައްކާތެރި މިންވަރަށް ނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހާމަކުރައްވައިފިއެވެ.

މެޓް އޮފީހުން ވިދާޅުވި ގޮތުގައި، ދުންފުނީގެ އަސަރު މުޅި ރާއްޖެއަށް ކުރަމުންދާއިރު، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް މިކަމުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. މިކަމުގެ ސަބަބުން ދުރުފެންނަ މިންވަރު (ވިޒިބިލިޓީ) 3 ކިލޯމީޓަރަށް ވުރެ ދަށްވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ސަރަހައްދުގައި ދުންފުނި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، އެންމެ ބޮޑަށް ވައި ނުސާފުވެފައިވާ ސަރަހައްދުތަކަކީ ކ. މާލެ، ކ. ވިލިނގިލި، ށ. ފުނަދޫ އަދި ދ. ކުޑަހުވަދޫއެވެ.

މިއީ ކޮންމެ އަހަރަކުވެސް އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އާއި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. ވައިގެ ސާފުކަން ހުރި މިންވަރު ބަލާ "އައިކިއު އެއާ" ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވައިގައި ހިމެނޭ "ފައިން ޕާޓިކިއުލޭޓް މެޓާ" (ޕީއެމް2.5) ގެ މިންވަރު މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 12.16 މައިކްރޯ ގްރާމްގައެވެ. މިއީ ކުރީ ދުވަސްތަކާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.



ވައި ނުސާފުވުމުގެ ސަބަބުން ދިމާވެދާނެ ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިރުޝާދުތަކެއް ނެރެފައެވެ. މިގޮތުން ނޭވާލާ ނިޒާމާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން މާބަނޑު މީހުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

ދުންފުނީގެ ސަބަބުން ކުރިމަތިވެދާނެ ބައެއް ޞިއްޙީ މައްސަލަތައް:

  • ލޯ، ނޭފަތް، ކަރުތެރެ އަދި ހަންގަނޑު ހިރުވުން
  • ބޮލުގައި ރިއްސުމާއި ބޯ އެނބުރުން
  • ކެއްސުމާއި ނޭވާލާން އުނދަގޫވުން
  • ނޭވާހިއްލުމާއި ހިތުގެ ބަލިތައް ހުންނަ މީހުންގެ ބަލި ހާލަތު ގޯސްވުން


އެޗްޕީއޭ އިން އިލްތިމާސްކުރައްވަނީ ވައި ނުސާފު މި ދުވަސްވަރު ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަ ނަމަ މާސްކު އެޅުމަށެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450