ޚަބަރު
ސަރުކާރުގެ ސިޔާސަތަކީ އެންމެ ނިކަމެތި މީހާއަށްވެސް ބޭސްފަރުވާ އެންމެ އެދެވޭ ގޮތުގައި ލިބިދިނުން: ވަޒީރު ނާޒިމު
ޞިއްޙަތާއި ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް. ފޮޓޯ: ރައީސް އޮފީސް
ހުލާސާ
މިސަރުކާގެ ޞިއްޙީ ނިޒާމުގެ ސިޔާސަތަކީ އެންމެ ނިކަމެތި މީހާއަށްވެސް ބޭސްފަރުވާ އެންމެ އެދެވޭ ގޮތުގައި ލިބިދިނުން ކަމަށް ޞިއްޙަތާއި ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު ނާޒިމް މިހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަވަމުންނެވެ.
ކޮންމެ އަހަރެއްގެ ބަޖެޓުން އާސަންދައަށް ކަނޑައަޅާފައި އޮންނަ މިންވަރަށްވުރެ އިތުރަށް ޚަރަދުކުރަންޖެހުމަކީ އިޤްތިޞާދަށް އެކަމުގެ ބުރަ ބޮޑުވާ ކަމެއްކަމަށް ވަޒީރު ނާޒިމް ވިދާޅުވިއެވެ.
ޓަރޝަރީ ފެންވަރަށް ތަރައްޤީކޮށް ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޭ ވަޒީރު ނާޡިމް ިވިދާޅުވީ އާސަންދަ ނިޒާމް ބޭނުންކުރަމުން އަންނަތާ 15 ވަރަކަށް އަހަރުވިނަމަވެސް އެއްވެސް އަހަރަކު އާސަންދައަށް ކަނޑައަޅާފައިވާ ޢަދަދުން ޚަރަދުތައް ހަމަނުޖެއްސޭކަމަށެވެ.
ވަޒީރު ވިދާޅުވީ ރައްޔިތުން އެދެނީ ސިއްޙީ ނިޒާމުގެ ތެރެއިން އާސަންދަ ފަދަ މުހިންމު ޚިދުމަތްތައް އެންމެ ފައިދާ ހުރި ގޮތުގައި އޭގެ ޙައްޤުވެރި ފަރާތްތަކަށް ލިބޭނެ ނިޒާމަކަށްވެގެން ދިޔުންކަމަށެވެ. އަދި އެ ނިޒާމްގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް ހުރި އެހެނިހެން ކަންކަން ކުރުމަށް ހުރި ގޮންޖެހުމަށް ނުވާނެ ނިޒާމަކަށް ވެގެން ދިޔުމަކީވެސް ރައްޔިތުން އެދޭނެކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ނާޒިމް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި އާސަންދައިން ކޮށްފައިވާ ޚަރަދުތަކުގެ ތެރެއިން %60 ޚަރަދުކޮށްފައިވަނީ ހަމައެކަނި ބޭސް ވިއްކުމަށެވެ. ނަމަވެސް ބޭހުގެ އަގުތައް ދުނިޔޭގެ ނިސްބަތުން އަޅާބަލާއިރު ބޮޑުކަމަށާއި މިކަން މިހެންވެފައިއޮތީ އާސަންދަ ނިޒާމުގައި ބަލަންޖެހޭ ކަންކަން ނުބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނެތުމުގެ ސަބަބުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސިއްޙަތާ ބެހޭ ވަޒީރު ވިދާޅުވީ މި ސަރުކާރުން ޤަބޫލުކުރާ ސިއްޙީ ނިޒާމުގެ ސިޔާސަތަކީ ރާއްޖޭގެ އެންމެ ކުޑަ ރަށުގައި ހުރި އެންމެ ނިކަމެތި މީހާއަށް ބޭސްފަރުވާގެ ނިޒާމް އެންމެ އެދެވޭ ގޮތުގައި ލިބުންކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދާއެކު ސިއްޙީ ދާއިރާގެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ފަށާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވަޒީރު ވަނީ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުގެ ކުރިން ދުޅަހެޔޮ އާބާދީއެއް ބިނާކުރުން މުހިންމުކަން ފާހަގަކުރައްވާފެއެވެ. އެގޮތުން ޕަބްލިކް ހެލްތް ޕްރިވެންޝަންގެ ޕްރޮގްރާމެއް މިހާރު 7 އަތޮޅުގައި ފަށާފައިވާކަމަށާއި އަންނަ އަހަރު މުޅި ރާއްޖެއަށް މި ޕްރޮގްރާމް ފުޅާކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.