ޚަބަރު
ސިއްޙީ ދާއިރާގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަށް އެމްޓީސީސީއަށް ބަދަލުކުރަނީ
ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ އަހާ ފޯރަމްގައި / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރާއްޖޭގެ ސިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް، ކުރިން އާރްޑީސީއާ ހަވާލުކޮށްފައިވީ ނަމަވެސް، މިހާރު އެމްޓީސީސީ (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ) ގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. މި ބަދަލާއެކު މަސައްކަތުގެ ދުވެލި އަވަސްވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ މިރޭ ބޭއްވި "އަހާ" ފޯރަމްގައި، ހއ. އިހަވަންދޫ އާއި ރ. މީދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުތަކާ ގުޅޭގޮތުން އެ ދެރަށުން ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ޤީލާ ވިދާޅުވީ، ސިއްޙީ ދާއިރާގެ ގިނަ އުމްރާނީ މަޝްރޫޢުތައް އާރުޑީސީއާ ހަވާލުކޮށްފައި އޮތް ނަމަވެސް، މިހާރު އެ މަސައްކަތްތައް އެމްޓީސީސީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
އިހަވަންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލަށް އަލިއަޅުވާލައްވަމުން ވަޒީރު ޤީލާ ވިދާޅުވީ، އެރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ލެވެލް 1 ގެ ހޮސްޕިޓަލެއްކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތް އެކަށީގެންވާ ވަރަށް ކުރިއަށް ނުދިޔުމުގެ ގިނަ ސަބަބުތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތަކެތި ލިބުމުގައި ދަތިކަން ހުރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
123 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިގެން އިހަވަންދޫގައި ތަރައްޤީކުރާ 30 އެނދުގެ މި ހޮސްޕިޓަލް ތަރައްޤީކުރަން ނިންމާފައިވަނީ، އެކޮމޮޑޭޝަން ބްލޮކަކާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޢިމާރާތެއްވެސް ތަރައްޤީކުރާ ގޮތަށެވެ.
ރ. މީދޫގައި އަލަށް ތަރައްޤީ ކުރާ ހޮސްޕިޓަލަކީ ފުލްފުލެޖް ހޮސްޕިޓަލެކެވެ. އެގޮތުން އެ ހޮސްޕިޓަލުގައި ބަލި މީހުން ބަލާ ކޮޓަރިއާއި އޮޕަރޭޝަން ރޫމާއި ލޭބަރ ރޫމްފަދަ ތަންތަން ތަރައްޤީކުރާނެއެވެ. ރ. މީދޫގައި މިހާރު ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދަނީ ޞިއްޙީ މަރުކަޒަކުންނެވެ. އެއީ 24 ގަޑިއިރަށް ޚިދުމަތް ދެމުން އަންނަ މަރުކަޒެކެވެ.