ޚަބަރު
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް މެއިގެ ނިޔަލަށް ނިންމަނީ
ބޮޑުތަކުރުފާނުގެ މަގު ހެދުމުގެ މަޝަރޫޢުގެ ދަށުން ހަދާ ނިންމައި ހުޅުވި ސަރަހައްދު. ފޮޓޯ: އެމްޓީސީސީ
މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު މިއަހަރުގެ މެއި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގެ އުތުރު ފަރާތުގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް މަސައްކަތް ނިންމައި، މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މީގެ އިތުރުން ދެވަނަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް ކުރި މަސައްކަތްތައް ވެސް ނިންމައި މިހާރު ދަނީ ބޭނުންކުރަމުންނެވެ.
މަޝްރޫޢުގެ ކުރިއަށް ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީ ވިދާޅުވީ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ތަރައްޤީކުރުމުގެ މަސައްކަތް ރަމަޟާން މަސްތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
"އިއްޒުއްދީން ޖެޓީން ފެށިގެން ހެންވޭރު ޓާމިނަލާހަމައަށް ކުރުމަށް ޝީޓްޕައިލްކުރުމާއި އެ މަސައްކަތް ފެށިގެންދާނެ. ރަމަޟާންމަސްތެރޭ ޝީޓްޕައިލްކުރުމުގެ މަސައްކަތްތައް ފެށިގެންދާނެ. އޭޕްރިލް މޭއި ހިސާބަށް ދާންވާއިރަށް މުޅި މަގު ނިންމާލެވޭނެ މިހާރު ޝެޑިއުލްކުރެވިފަ އިންގޮތުން"، ސަޢުދީ ވިދާޅުވިއެވެ.
ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢު ނިމުމާއެކު، މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ. އަދި މި މަގަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ މަގަކަށް ވެގެންދާނެއެވެ.