ޚަބަރު
ކުޅުދުއްފުށި ސިޓީގައި ގާއިމުކުރާ އައިނު ފިހާރަ މާދަމާ ހުޅުވަނީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށި ސިޓީގައި ގާއިމުކުރާ ސަރުކާރުގެ އައިނު ފިހާރަ މާދަމާ ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
މިއީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ހުޅުވާ ހަތަރު ވަނަ އައިނު ފިހާރައެވެ.
އެމްސީޖީއެޗް އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުޅުދުއްފުށީގައި ގާއިމުކުރި މި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ މެންދުރު 1:00 ގައެވެ. މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވާނީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.
މި ފިހާރައަކީ މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި ހުޅުވާ ސަރުކާރުގެ ދެވަނަ އައިނު ފިހާރައެވެ. ސަރުކާރުގެ އައިނު ފިހާރަތައް ހިންގަމުން އަންނަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބެލުމުގެ ދަށުންނެވެ.
ސަރުކާރުގެ އައިނު ފިހާރައެއް އެންމެ ފުރަތަމަ ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު އައިޖީއެމްއެޗްގައެވެ. އޭގެ ފަހުން އޮގަސްޓް މަހުގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ވަނީ އައިނު ފިހާރައެއް ހުޅުވާފައެވެ.
މި ހިދުމަތް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަގްސަދަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު އައިނު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.