Ads by PNC

ޚަބަރު

ވީއައިއޭގެ ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް މާދަމާ ބަދަލުކުރަނީ

ވީއައިއޭގެ ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް މާދަމާ ބަދަލުކުރަނީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ފެބްރުއަރީ 2026، 05:37

16 ފެބްރުއަރީ 2026، 05:37

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑޮމެސްޓިކް ދަތުރުތައް މާދަމާއިން ފެށިގެން، ކުރީގެ އިންޓަނޭޝަނަލް ޓާމިނަލުން ކުރާ ގޮތަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.

މި ބަދަލާއެކު އެއާޕޯޓުގެ ޓާމިނަލް 2 އިން ޑޮމެސްޓިކް ދަތުރުތައް ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޑޮމެސްޓިކް ދަތުރުތަކަށް ޚާއްސަކޮށްގެން ޓާމިނަލަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ގެނެސްފައިވާ ކަމަށެވެ. މާދަމާ އިން ފެށިގެން ރާއްޖޭގެ އެތެރޭގެ ހުރިހާ ވައިގެ ދަތުރުތަކެއް ކުރާނީ މި ޓާމިނަލުން ކަމަށްވެސް އޮފިޝަލް މަޢުލޫމާތު ދެއްވިއެވެ.

މި ޓާމިނަލް ރަސްމީކޮށް ހުޅުވުމަށްޓަކައި މާދަމާ ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި ޓާމިނަލް ހުޅުއްވައި ދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސެއިން މުހައްމަދު ލަތީފް އެވެ.

ވީއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލް މިދިޔަ ޖުލައި މަހުގެ 26 ގައި ހުޅުވައި، މިދިޔަ އަހަރު ނިމުމުގެ ކުރިން ބައިނަލްއަގުވާމީ ހުރިހާ އެއާލައިންތަކެއް ވަނީ އާ ޓާމިނަލަށް ބަދަލުކޮށްފައެވެ. މީގެ ކުރިން ބައިނަލްއަގުވާމީ ދަތުރުތަކަށް ބޭނުންކުރި ޓާމިނަލް ޑޮމެސްޓިކް ދަތުރުތަކަށް ބަދަލުކުރުމަކީ އެއާޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ރާއްޖޭގައި މިވަގުތު އެތެރޭގެ ވައިގެ ދަތުރުތަކުގެ ޚިދުމަތް ދެމުން އަންނަނީ ތިން އެއާލައިނަކުންނެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަން، ފްލައި މީ އަދި މަންތާ އެއާ އެވެ. މާދަމާ އިން ފެށިގެން މި ހުރިހާ އެއާލައިންތަކެއްގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ކުރިއަށްދާނީ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލްގައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450