ޚަބަރު
ޤާނޫނާ ޚިލާފަށް ވޭޕްގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ވޭޕްތައް/ފޮޓޯ: ފުލުހުން
އިމިގްރޭޝަންގެ ގާނޫނާއި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކޮށް އަދި ޤަވާއިދާ ޚިލާފަށް ވޭޕްގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ދިވެހި ފުލުހުންގެ ޚިދުމަތުން އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިހިނގާ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އިމިގްރޭޝަނާ ހަވާލުކޮށްފައި ވަނީ ޗައިއޮން، ބަންގްލަދޭޝް (34އ) ކަމަށެވެ. އެގޮތުން، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 959 ނެނޯ ސްޓިކާއި، 34 ފްލޭވަރއާއި، ޑިސްޕޯސަބަލް 11 ސްޓިކް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މިމީހާ މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާއިރު، އިމިގްރޭޝަންގެ އުޞޫލުތަކުގެ ދަށުން މި ބިދޭސީ މީހާ ރާއްޖެއިން ޑީޕޯޓުކޮށްލުމުގެ މަސައްކަތް އެ އިދާރާއިން ދަނީ ކުރަމުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.