Ads by PNC

ޚަބަރު

ޓީއެމްއޭ އިން ރިކޯޑެއް ހަދައިފި: އެއް ދުވަހުން 7،000 ފަސިންޖަރުން އުފުލައިފި

ޓީއެމްއޭ އިން ރިކޯޑެއް ހަދައިފި: އެއް ދުވަހުން 7،000 ފަސިންޖަރުން އުފުލައިފި

ޓީއެމްއޭއިން ހެދި ރިކޯޑް ފާހަގަކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ފެބްރުއަރީ 2026، 06:47

16 ފެބްރުއަރީ 2026، 06:47

ހުލާސާ


އެއް ދުވަސް ތެރޭގައި 7،000 އަށް ވުރެ ގިނަ ފަސިންޖަރުން އުފުލައި، ރާއްޖޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އާ ރިކޯޑެއް ގާއިމުކޮށްފިއެވެ.

 ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓް ކުރާ ކުންފުނިން މި ތާރީހީ ކާމިޔާބީ ހާސިލްކުރީ އިއްޔެއެވެ.

ޓީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، ފެބްރުއަރީ 15 ވަނަ ދުވަހު އެ ކުންފުނިން ވަނީ 7،000 އަށް ވުރެ ގިނަ ފަތުރުވެރިންނަށް ހިދުމަތް ދީފައެވެ. މި ދަތުރުތައް ފުރިހަމަ ކުރުމަށްޓަކައި އެއް ދުވަހުގެ ތެރޭގައި 800 އަށް ވުރެ ގިނަ ފްލައިޓް (ޓޭކް-އޮފް އަދި ލޭންޑިން) ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ އެ ކުންފުނީގެ ދިގު ތާރީހުގައި ވެސް އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަ އޮޕަރޭޝަންތަކެއް ހިންގި ފުރަތަމަ ފަހަރެވެ.

މި އާދަޔާ ހިލާފު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައި ކޭކު ފަޅާފައެވެ. ޓީއެމްއޭ އިން ބުނީ މި ކާމިޔާބީއަކީ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތާއި، އެކަކު އަނެކަކަށް އޮތް ބަދަހި ގުޅުމުގެ ނަތީޖާ ކަމަށެވެ.

ކުންފުނީގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ، މި ރިކޯޑުން ދޭހަވަނީ ޓޫރިޒަމްގެ ޕީކް ސީޒަންގައި ވެސް އެއްވެސް މެދުކެނޑުމެއް ނެތި އޮޕަރޭޝަންތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގެ ގާބިލުކަން ޓީއެމްއޭގައި ހުރި ކަމެވެ. އަދި މިއީ ކުންފުނީގެ އިންތިޒާމުތައް ފުރިހަމަ ކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ވެސް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ. އެ ދުވަހު 11،136 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ޓީއެމްއޭގެ މި ރިކޯޑަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާ މިންވަރު ދައްކުވައިދޭ މުހިންމު ހެއްކެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450