ޚަބަރު
އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ކްލިއަރ ކުރުމަށް އެމްޕީއެލުން 3،000 އަކަފޫޓުގެ ޝެޑެއް ބިނާކޮށްފި
އެމްޕީއެލް ސަރަހައްދު
ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް، ރާއްޖެއަށް އެތެރެކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ވީހާވެސް އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 3,000 އަކަފޫޓުގެ ޝެޑެއް ބިނާކޮށްފިއެވެ.
މިއީ ބަނދަރުގެ އޮޕަރޭޝަންތައް ހަލުވިކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.
އެމްޕީއެލުން ވިދާޅުވީ، މި ޝެޑް ހެދުމުގެ މައިގަނޑު މަގުސަދަކީ އަވަހަށް ހަލާކުވާ ޒާތުގެ މުދާ މާލެ ސަރަހައްދުގެ ބަނދަރުން ވީހާވެސް އަވަހަށް ނެރެވޭނެ މަގު ފަހިކޮށްދިނުމެވެ. އަދި މީގެ ސަބަބުން ބާޒާރުގައި މުދާ ލިބުން ތަދުވިޔަ ނުދީ ހިފެހެއްޓުމަށް ބޮޑު އެހީއަކަށް ވާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
މި ޝެޑަކީ ރަމަޟާން މަހު އާންމުކޮށް ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ މިންވަރު އިތުރުވާތީ، ވިޔަފާރިވެރިންނަށް އެ ތަކެތި އަވަހަށް ބޭލުމާއި ކްލިއަރެންސް މަރުހަލާ އަވަސްކޮށްދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން ގާއިމްކުރި ތަނެއް ކަމަށްވެސް އެމްޕީއެލުން މައުލޫމާތުދެއެވެ. މީގެ އިތުރުން، މި ޝެޑްގެ ސަބަބުން ރައްކާތެރިކަމާއެކު މުދާ ބެހެއްޓުމަށް އިތުރު ޖާގަ ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް ގިނަ އަދަދަކަށް ކާބޯތަކެތި ރާއްޖެއަށް އެތެރެކުރާ ދުވަސްވަރަކަށް ވާތީ، އެމްޕީއެލުން އަންނަނީ ބަނދަރުގެ އޮޕަރޭޝަންތައް ވަރުގަދަކޮށް، މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ލުއިފަސޭހަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި އާ ޝެޑާއެކު، މުދާ ކްލިއަރ ކުރުމުގެ ތަރުތީބަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.