ޚަބަރު
މަސްޖިދުލް ޔޫސުފުލް ބަރުބަރީ ހުޅުވުން މި މަހުގެ 18 އަށް ފަސްކޮށްފި
މަސްޖިދުލް ޔޫސުފުލް ބަރުބަރީ
މާލޭގައި އަލަށް ބިނާކުރި މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް ރަސްމީކޮށް ހުޅުވުން ފަސްކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ހާމަކޮށްފިއެވެ.
ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވީ، އެ މިސްކިތް ރަސްމީކޮށް ހުޅުވުން މިހާރު ތާވަލުކުރެވިފައިވަނީ މި މަހުގެ 18 ވާ ބުދަ ދުވަހުގެ އަސްރު ނަމާދަށް ކަމަށެވެ. ނަމަވެސް މިސްކިތް ހުޅުވުން ފަސްކުރަން ޖެހުނު ސީދާ ސަބަބުގެ އިތުރު ތަފްސީލެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.
މަސްޖިދުލް ޔޫސުފުލް ބަރުބަރީއަކީ އިސްލާމީ ވުޒާރާއާއި ހެޔޮ އެދޭ އަމިއްލަ ފަރާތަކާ ގުޅިގެން އިމާރާތް ކުރި ތިން ފަންގިފިލާގެ މިސްކިތެކެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި މި މިސްކިތަކީ އެއްފަހަރާ 1000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮތް ބިނާއެކެވެ.
މިސްކިތް ހުޅުވުން މި ތާރީޚަށް ފަސްކުރި ނަމަވެސް، އިސްލާމީ ވުޒާރާގެ އަމާޒަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު އެ މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މާލެ ސަރަހައްދުގައި ނަމާދު ކުރާނެ ޖާގަ އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ މިސްކިތްތައް ބިނާކުރަމުންދާއިރު، ހިލޭ އެހީގެ ދަށުން މިސްކިތް އެޅުމަށް އަމިއްލަ ބައެއް ފަރާތްތަކާއި ކުންފުނިތަކާއެކު މިހާރުވެސް ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.