Ads by PNC

ޚަބަރު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ ހަފްލާ ރާއްޖޭގައި ބާއްވަނީ

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ ހަފްލާ ރާއްޖޭގައި ބާއްވަނީ

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ ހަފްލާގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ފެބްރުއަރީ 2026، 10:27

16 ފެބްރުއަރީ 2026، 10:27

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް" (WTA) ގެ އިންޑިއަން އޯޝަން ގާލާ ހަފްލާ މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ. މި ތާރީޚީ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ކަމަށްވާ 27 ސެޕްޓެމްބަރު 2026 ގައެވެ. މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މި އެވޯޑު ހަފްލާ ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ފާހަގަކޮށްދޭ އެންމެ އިތުބާރު ހުރި އެވޯޑެވެ. މިހާރު 33 ވަނަ އަހަރަށް ގުނަމުންދާ މި އެވޯޑަކީ، ފަތުރުވެރިކަމުގެ މަންޒިލްތަކާއި، އެއަރލައިންތަކާއި، ހޮޓެލް، ރިސޯޓްތަކުގެ އިތުރުން ކްރޫޒް އޮޕަރޭޓަރުން ހިމެނޭހެން މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ދެވޭ އެވޯޑެކެވެ. މި އެވޯޑަށް ހޮވޭ ފަރާތްތައް ކަނޑައަޅަނީ ދާއިރާގެ މާހިރުންނާއި، އިސްވެރިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކުގެ ވޯޓުންނެވެ.

ކޮންމެ އަހަރުވެސް ޑަބްލިއުޓީއޭއިން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ގާލާ ހަފްލާ ބާއްވައި، އެ ސަރަހައްދުތަކުން އެންމެ ރަނގަޅު ޚިދުމަތްތެރިން ހޮވައެވެ. މިއަހަރުގެ އިންޑިއަން އޯޝަން ގާލާ ސެރެމަނީ ރާއްޖޭގައި ބޭއްވުމަކީ، ލަގްޒަރީ، ދެމެހެއްޓެނިވި އަދި ތަފާތު ތަޖުރިބާތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ފެންވަރުގައި ރާއްޖެއިން ދަމަހައްޓަމުންދާ ކުރިއެރުމާއި އިސްނެގުން ހާމަކޮށްދޭ ވަރުގަދަ ހެއްކެކެވެ. ސަރަޙައްދީ ހަފުލާތަކަށްފަހު، އަހަރު ނިމޭއިރު ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ހޮވާ ގްރޭންޑް ފައިނަލް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ދިވެހިރާއްޖެއިން ވަނީ މެދުނުކެނޑި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ވިދިވިދިގެން 6 ފަހަރު "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" ގެ އެވޯޑު ކާމިޔާބު ކުރުމުގެ އިތުރުން، އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލްގެ ލަގަބުވެސް ރާއްޖެއިން ވަނީ ތަކުރާރުކޮށް ހޯދާފައެވެ. މި ހަފުލާ ރާއްޖޭގައި ބޭއްވުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަ ކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން "ވިޒިޓް މޯލްޑިވްސް ވީކް" ގެ ނަމުގައި ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ. މި ހަރަކާތުގެ ތެރޭގައި ސިނާއަތުގެ އިސް ފަރާތްތަކުގެ ފޯރަމްތަކާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި އައު އީޖާދުތަކާ ބެހޭ މަޝްވަރާތަކުގެ އިތުރުން ރާއްޖެ އިޝްތިހާރު ކުރުމުގެ ތަފާތު ހަރަކާތްތައް ކުރިއަށްދާނެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450