ވިޔަފާރި / ޚަބަރު
ރޯދަ މަހު އަސާސީ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރެވޭނެކަމުގެ ޔަޤީންކަން އެސްޓީއޯއިން ދީފި
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް / ފޮޓޯ: މިހާރު
ފަރުދުން
17 ފެބްރުއަރީ 2026، 07:39
17 ފެބްރުއަރީ 2026، 07:39
މި ފެށޭ ރޯދަ މަހު އަސާސީ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރެވޭނެކަމުގެ ޔަޤީންކަން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ދެއްވައިފިއެވެ.
ޝިމާދު މިހެން ވިދާޅުވީ، ރޯދަމަހުގެ ތައްޔާރީތަކާ ގުޅިގެން "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.
ޝިމާދު ވިދާޅުވީ، ކުރީގެ ތަޖުރިބާއަށް ބަލައި، ރޯދަމަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު ބަލާއިރު ވެސް ބާޒާރުގައި ގިނަ ބާވަތްތަކުގެ އަގުތައް ހުރީ "ދަށްކޮށް ހިފެހެއްޓިފައި" ކަމަށެވެ.
މީގެ އިތުރުން ޝިމާދު ވިދާޅުވީ، މިހާރު ހުރި އަގަށްވުރެ ތަކެތީގެ އަގު ބޮޑު ނުވާނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރާކަމަށާއި، އެކަމަށް ބާރުއެޅުމަށް އެސްޓީއޯގެ ވެބްސައިޓުގައި އަގުތައް ޕަބްލިޝް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ޝިމާދު ވިދާޅުވީ، އެސްޓީއޯއިން ވިޔަފާރިވެރިންނާ ގުޅިގެން އަގުތައް ހިފެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރާ ކަމަށާއި، ނަމަވެސް ރޯދަމަހަކީ ކާބޯތަކެތި ބޭނުންކުރާ މިންވަރު އެހެން މަސްތަކާ އަޅާ ބަލާއިރު އިތުރުވާ މަހަކަށް ވާތީ "އަގުތައް ބޮޑުވުމުގެ ޓްރެންޑެއް" ގެންއުޅޭ ކަމަށެވެ.
ރޯދަމަހު ފަސޭހައިން ކާބޯތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯއިން ވަނީ މިހާރު ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލޭގެ ސިނާއީ ސަރަހައްދާއި ނޯތު ހާބަރު ކުރިމަތީގައި ހޯލްސޭލް ސެންޓަރެއް ޤާއިމް ކުރުމަށާއި، ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި ހޯލްސޭލް ސެންޓަރެއް ޤާއިމް ކުރުމަށާއި، އެކި ރަށްރަށުގައި ހިންގާ އެސްޓީއޯގެ 11 ފިހާރައެއް އަދި 3،000 އަށް ވުރެ އާބާދީ މަތި ރަށްރަށުގައި ތިބޭ އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް ތަކެތި ވިއްކުމަށާއި އަދި އެމްޕީއެލްއަށް "ބޭސް ކާގޯ" ދީގެން ހދ. ކުޅުދުއްފުއްޓާއި އައްޑުއަށް ސީދާ މުދާ އެތެރެކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އަދި ހަލުވިކަމާއެކު އާބާދީ އިތުރުވަމުންދާ ހުުޅުމާލޭގައި އެސްޓީއޯގެ ރީޓެއިލް ފިހާރައެއް ހުޅުވުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާތި ހުޅުމާލެ ފޭސް-1 ގައި ވެސް އެ ކުންފުނީގެ ފިހާރައެއް ހުޅަވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އަސާސީ ކާބޯތަކެތި ލިބުމަށް ދައްޗެއް ވެދާނެތީ އާއި އެ ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް މިދިޔަ ސެޕްޓެންބަރު މަހު އެސްޓީއޯއިން ވަނީ، ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސް.ޓީ.އޯ.އިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފަށާފައެވެ.
އަދި އަސާސީ ކާބޯތަކެތީގެ ލިސްޓުގައި އިތުރު 23 ބާވަތެއް ހިމަނައި، އެ ތަކެތި ގެނަސް އެސްޓީއޯއިން ވަނީ ބާޒާރަށް ނެރެފައެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރި މޭވާ:
- ދޮންކެޔޮ
- އާފަލު
- އޮރެންޖު
- ލުނބޯ
- ޖުމްހޫރީމޭވާ
- އަނބު
- ފަޅޯ
- ކަރާ
- މިރުސް
- މޭބިސްކަދުރު
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރި ތަރުކާރީ:
- ރަތް ފިޔާ
- އިނގުރު
- ކެރެޓު
- ބަށި
- ކައްޓަލަ
- ލޮނުމެދު
- އަލުވި
- ކެބެޖު
- ބަރަބޯ
- ބޯވެލި
ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީ އެސް.ޓީ.އޯ. މެދުވެރިކޮށް ރާއްޖެއަށް އެތެރެކޮށް، ވިއްކުމަށް ނިންމެވީ، ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމުކުރުމަށް ރައީސްގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޛުކުރެއްވުމުގެ ގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.