ޚަބަރު
ޙައްޖާއި ޢުމްރާގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އައިލެންޑް އޭވިއޭޝަނާއެކު އެއްބަސްވުމެއް އެކުލަވާލައިފި
އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ވުޒާރާ
ޙައްޖާއި ޢުމްރާގެ ކަންކަމާއި، އެހެނިހެން ދާއިރާތަކުންވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑާއިދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތެއްގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އެއްބަސްވުމަކީ ޙައްޖާއި ޢުމްރާގެ ކަންކަމާއި އެނޫންވެސް ދާއިރާތަކުން އެއްބާރުލުމާއި އެހީތެރިކަން ދިނުމާއި، ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ފަސޭހަ އަދި އިތުބާރުހުރި ވައިގެ ދަތުރުފަތުރުގެ ޚިދުމަތެއް ކަަށަވަރުކުރުމަށާއި، މާލެ އާއި ޖިއްދާއާ ދެމެދު ކުރެވޭ ދަތުރުތައް އިތުރުކޮށް، ޙައްޖުވެރިންނަށާއި ޢުމްރާވެރިންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި އެކުލަވާލެވުނު އެއްބަސްވުމެއް ކަމަށެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުން. pic.twitter.com/09wACKNs96
— Ministry of Islamic Affairs (@MVIaffairs) February 16, 2026
މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން މޯލްޑިވިއަންގެ މުވައްޒަފުންނަށް ދީނީ ކަންކަމާއި ގުޅޭ ތަމްރީނުތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެހެންމެ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބާއްވާ ޙައްޖު ޢުމްރާ ކޮންފަރެންސް ފަދަ ޙަރަކާތްތަކުގައި މޯލްޑިވިއަންގެ ފުރިހަމަ ބައިވެރިވުން ހޯދުމަކީ ވެސް މި އެއްބަސްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިންގެ ޚިދުމަތުގައި މޯލްޑިވިއަނުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.