Ads by PNC

ޚަބަރު

ސިނާމާލެ އަދި މާލެ ހިޔާ ފްލެޓްތައް މަރާމާތުކުރުމަށް ޚާއްސަ އެސެސްމަންޓެއް ހަދަނީ

ސިނާމާލެ އަދި މާލެ ހިޔާ ފްލެޓްތައް މަރާމާތުކުރުމަށް ޚާއްސަ އެސެސްމަންޓެއް ހަދަނީ

މާލޭ ހިޔާ 3 ފޮޓޯ: ހުރިހާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ފެބްރުއަރީ 2026، 11:52

17 ފެބްރުއަރީ 2026، 11:52

މާލޭގެ ސިނާމާލެ އަދި މާލެ ހިޔާ ފްލެޓްތަކުގެ ހާލަތު ދެނެގަނެ، އެ ތަންތަން މަރާމާތުކުރުމަށްޓަކައި ޚާއްސަ އެސެސްމަންޓެއް ހެދުމަށް ނިންމާފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ސިނާމާލެ އަދި މާލޭ ހިޔާގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއެއްސެވުމާ ގުޅިގެންނެވެ. ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވުނު އެ ބައްދަލުކުރެއްވުމުގައި، އިމާރާތްތަކުގެ މެއިންޓެނެންސާ ގުޅޭ ގިނަ މައްސަލަތަކެއް އާންމުން ފާހަގަކޮށްފައިވާ ކަމަށެވެ.

ސިނާމާލެ އަދި މާލެ ހިޔާގެ އިމާރާތްތަކަކީ މިހާރު މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ތަންތަން ނަމަވެސް، މިއީ ރައްޔިތުންގެ ދިރިއުޅުމާއި ސަލާމަތާ ގުޅިފައިވާ މުހިންމު ކަމަކަށްވާތީ، ސަރުކާރުން އިސްނަގައިގެން އެސެސްމަންޓް ހެދުމަށް ނިންމީ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ އެ ތަންތަނުގައި ދިރިއުޅޭ އާއިލާތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

ސިނާމާލެ ފްލެޓްތަކަކީ 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ، އަދި މިހާރު އެތަންތަން ކުއްޔަށް ހިފި ފަރާތްތަކަށް މިލްކުވެފައިވާ ތަންތަނެވެ. ނަމަވެސް އިމާރާތްތައް ވަރަށް ބޮޑަށް ބާވެ، ސްޓްރަކްޗަރ އަދި ޔުޓިލިޓީ ނެޓްވޯކްތަކަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، އެ އިމާރާތްތައް ތަޅާލައި، އެ ފަރާތްތަކަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ އައު މަޝްރޫއެއް ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން މާލޭގައި އެޅުމަށް ހަމަޖެހިފައިވާ 1360 ހައުސިންގ ޔުނިޓުގެ ތެރެއިން، ފުރަތަމަ އިމާރާތްކުރާ ދެ ޓަވަރުން ފުރުސަތު ދެއްވާނީ މާލެހިޔާ އަދި ސިނާމާލޭގެ 128 އާއިލާއަށް ކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން، މިހާރު ދިމާވެފައިވާ ދަތިތަކަށް ލުޔެއް ދެއްވުމުގެ ގޮތުން، ސިނާމާލެ 1، 2، 3، 4 އަދި މާލެހިޔާ 1، 2 ގެ ވެރިފަރާތްތަކަށް އެއްލައްކަ ރުފިޔާގެ އިނާޔަތެއް ދެއްވުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި އިނާޔަތް ދޫކުރާނީ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުންނެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450