Ads by PNC

ޚަބަރު

20 ރުފިޔާއާއި 100 ރުފިޔާގެ އައު ނޫޓު މިއަދު ދައުރުކުރަން ފަށައިފި

20 ރުފިޔާއާއި 100 ރުފިޔާގެ އައު ނޫޓު މިއަދު ދައުރުކުރަން ފަށައިފި

20 ރުފިޔާއާއި 100 ރުފިޔާގެ އައު ނޫޓު ފޮޓޯ: އެމްއެމްއޭ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ފެބްރުއަރީ 2026، 12:43

17 ފެބްރުއަރީ 2026، 12:43

ރާއްޖޭގެ އިޤްތިސާދީ ހަރަކާތްތައް އިތުރުވުމާއެކު، ބާޒާރުގައި ނަގުދު ފައިސާގެ ޑިމާންޑަށް ފޫބެއްދުމަށްޓަކައި "ރަންދިހަފަހެއް" ނޫޓު ސީރީޒްގެ 20 ރުފިޔާ އާއި 100 ރުފިޔާގެ އައު ނޫޓުތައް މިއަދު ދައުރުކުރަން ފަށައިފިއެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހާމަކުރި ގޮތުގައި، މި ނޫޓުތައް ބާޒާރަށް ނެރުމުގެ މައިގަނޑު މަގުސަދަކީ އިޤްތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށް ފައިސާ ފޯރުކޮށްދިނުމާއި، ބައުވެ ހަލާކުވެފައިވާ ނޫޓުތައް އައުކުރުމެވެ. މިގޮތުން މިއަދުން ފެށިގެން ދައުރުކުރަން ފަށާފައިވަނީ މިއަހަރުގެ ފެބުރުވަރީ 2 ގައި އެ އޮތޯރިޓީއަށް ލިބުނު 100 ރުފިޔާގެ ނޫޓުތަކާއި، ފެބުރުވަރީ 15 ގައި ލިބުނު 20 ރުފިޔާގެ ނޫޓުތަކެވެ.

އަލަށް ދައުރުކުރަން ފެށި މި ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މި ނޫޓުތަކުގައިވާ ތާރީޚަކީ 31 ޖުލައި 2025 (6 ސަފަރު 1447) އެވެ. އެމް.އެމް.އޭ އިން ބުނި ގޮތުގައި ސްޓޮކް މަދުވުމުން އައު ނޫޓުތައް ޗާޕުކޮށްގެން ނެރުމަކީ ފައިސާ ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން އާންމުކޮށް ކުރަމުންދާ ކަމެކެވެ.

މިފަހަރު ނެރުނު ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ފަރުމާއަށް ވަނީ މުހިންމު ބަދަލެއް ގެނެސްފައެވެ. އެއީ ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން (ރ.) ހިމެނުމެވެ. މި ނިޝާން ހިމަނާފައިވަނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ އަގާއެކުއެވެ. މީގެ އިތުރުން، މިދިޔަ ޖުލައި މަހު ނެރުނު 100 ރުފިޔާގެ ނޫޓުތަކެކޭ އެއްފަދައިން، މި އައު 100 ރުފިޔާގެ ނޫޓުގައިވެސް ރުފިޔާގެ ނިޝާން ހިމަނާފައިވެއެވެ.

އެމް.އެމް.އޭ އިން އިތުރަށް ބުނެފައިވަނީ އައު ނޫޓުތައް ދައުރުކުރަން ފެށި ނަމަވެސް، މިހާރު ބޭނުންކުރަމުންދާ 20 ރުފިޔާ އާއި 100 ރުފިޔާގެ ހުރިހާ ނޫޓުތަކަކީވެސް ސައްހަ، ބޭނުންކުރެވޭނެ ފައިސާގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ. އަދި އާންމުންނަށް ބޭނުންވާ މިންވަރަށް ފައިސާ ފޯރުކޮށްދީ، ދިވެހި ފައިސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެ އޮތޯރިޓީން ވަނީ ދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450