ޚަބަރު
މޯލްޑިވިއަން ސްޓޫޑެންޓްސް އެސޯސިއޭޝަން-މެލޭޝިއާ ގެ އަލަށް އިންތިޚާބުވި އެކްސްކޯއާ މަޤާމުގެ މަސްޢޫލިއްޔަތު ހަވާލުކޮށްފި
މަޤާމުގެ މަސްޢޫލިއްޔަތު ހަވާލުކުރުން/ފޮޓޯ: ޚާރިޖީ ވުޒާރާ
މޯލްޑިވިއަން ސްޓޫޑެންޓް އެސޯސިއެޝަން މެލޭޝިއާގެ އެކްސްކޯގެ އިންތިޚާބް ބާއްވާ، އަލަށް އިންތިޚާބްވި އެކްސްކޯގެ މެމްބަރުންނާއި މަޤާމުގެ މަސްޢޫލިއްޔަތު ހަވާލުކުރައްވައިފިއެވެ.
މޯލްޑިވިއަން ސްޓޫޑެންޓް އެސޯސިއެޝަން މެލޭޝިއާ (އެމް.އެސް.އޭ.އެމް) ރަސްމީކޮށް 2025 އޭޕްރިލް 28 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިފްތިތާޙްކުރައްވާފައެވެ.
މެލޭޝިއާއަކީ ދިވެހި ކިޔަވާކުދިން އެންމެ ގިނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ޤައުމަށްވީއިރު، މެލޭޝިއާއަށް ދިވެހި ކިޔަވާކުދިން ދާން ފެށިފަހުން 40 ވަރަކަށް އަހަރު މިހާރު ވަނީ ފާއިތުވެފައެވެ. އެގޮތުން، މިދިޔަ އަހަރު އެމް.އެސް.އެ.އެމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ މެލޭޝިއާގައި ދިވެހި ކިޔަވާކުދިންގެ މިފަދަ ޖަމްޢިއްޔާއެއް ވުޖޫދުވެގެންދާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފާވެއެވެ. އަދި މިފަދަ ޖަމްޢިއްޔާއެއް އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.
އެމް.އެސް.އޭ.އެމް އިފްތިތާޙްކުރުމާ ގުޅިގެން، އެމް.އެސް.އޭ.އެމްގެ އެކްސްކޯ އެކުލަވާލުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އެކްސްކޯ އެކުލަވާލުމަށް ބޭއްވުނު އިންތިޚާބަށްފަހު، އަލަށް އިންތިޚާބުވި އެކްސްކޯގެ މެމްބަރުންނާއި މަޤާމުގެ މަސްޢޫލިއްޔަތު ހަވާލުކޮށްދެއްވީ ދިވެހިރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފާ ހުންނަވާ ސަފީރު، ޑރ. މަރިޔަމް ޝަބީނާ އަހުމަދެވެ. މި ރަސްމިއްޔާތުގައި އެކްސްކޯގެ މެމްބަރުންނާ މުހާތަބުކުރައްވާ ސަފީރު ވަނީ، މެލޭޝިއާގައި ކިޔަވާ ހުރިހާ ދިވެހި ދަރިވަރުން ގުޅިގެން އެކުއެކީގައި ތިބުމަށާއި، އަދި ދަރިވަރުންނާއި ކޮމިއުނިޓީގައި އުޅުއްވާ ދިވެހީންގެ ލާބަޔާ މަންފާއަށް މަސައްކަތްކުރެއްވުމަށް ނަޞޭޙަތްތެރިވެފައެވެ.
މީގެ އިތުރުން، އަލަށް އިންތިޚާބުވި އެކްސްކޯގެ ލީޑަރޝިޕްގެ ދަށުން ކުރިމަގުގައި ގިނަ ޙަރަކާތްތަކެއް ފެނިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އަލަށް އިންތިޚާބުވި އެކްސްކޯގައި ހިމެނޭ މަޤާމްތަކުގެ ތެރޭގައި، ޖަމްޢިއްޔާގެ ރައީސް، ނައިބު ރައީސް (2)، ސެކްރެޓަރީ ޖެނެރަލް، ޓްރެޜަރާ، އަދި 4 ޖެނެރަލް މެމްބަރުން ހިމެނެއެވެ. މި މަޤާމްތަކަށް ހޮވިފައިވަނީ މެލޭޝިއާގެ ޓެއިލަރސް ޔުނިވަރސިޓީ، އިންފްރާސްޓަރްކްޗަރ ޔުނިވަރސިޓީ، ޔުނިވަރސިޓީ އޮފް ނޮޓިންގްހަމް، ސަންވޭ ޔުނިވަރސިޓީ، ޔުނިވަރސިޓީ އޮފް ސައިބަރޖާޔާ، އަދި މޮނާޝް ޔުނިވަރސިޓީ މެލޭޝިއާއަށް ނިސްބަތްވާ ދަރިވަރުންނެވެ. ހަމަ އެއާއެކު، އެމް.އެސް.އޭ.އެމްގެ ރައީސްކަމަށް ހޮވިފައިވަނީ ޓެއިލަރސް ޔުނިވަރސިޓީގެ ދަރިވަރު މަރިޔަމް ޒިހްނީ އެވެ.
އަލަށް އިންތިޚާބުވި އެކްސްކޯ އިފްތިތާޙްކުރުމުގެ އިތުރުން، ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު ވަނީ އެމް.އެސް.އޭ.އެމްގެ އައު ލޯގޯ ވެސް އިފްތިތާޙްކޮށްދެއްވާފައެވެ.