ޚަބަރު
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި
އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް މަޖިލީހުން ނިންމާފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ މެންބަރު ޑރ. މުޙައްމަދު ޒާހިދުގެ މެންބަރުކަމުގެ ދައުރު މި މަހުގެ ތެރޭގައި ހަމަވާތީއެވެ. އެ މަޤާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލި ފުރުޞަތުގައި ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވީ ރިފްޢަތު ޢަބްދުﷲގެ ނަމެވެ.
ރިފްޢަތު ޢަބްދުﷲ އައްޔަންކުރުމަށް ފާސްކުރީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާޤުންނެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
މި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމީޓީގެ ރިޕޯޓުގައިވާ ގޮތުން، ރިފްޢަތު ޢަބްދުﷲ އާ ކުރި އިންޓަވިއުގައި އޭނާ ވަނީ 84 އިންސައްތައަށްވުރެ ގިނަ މާކްސް ހޯއްދަވާފައެވެ. އަދި އޭނާގެ ނަމާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅާފައި ނުވާކަންވެސް ކޮމިޓީން ފާހަގަކޮށްފައިވެއެވެ.
ރިފްޢަތު ޢަބްދުﷲ އަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ލީގަލް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަޤާމުގައެވެ.
އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބަވަނީ ކޮމިޝަނުގެ ރައީސް މުޙައްމަދު ފުއާދާއި، ނާއިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދުގެ އިތުރުން މެންބަރު ޙަސަން ޒަކަރިއްޔާ، މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ޑރ. މުޙައްމަދު ޒާހިދެވެ. ރިފްޢަތު ޢަބްދުﷲ މަޤާމުގެ ހުވާ ކުރެއްވުމުން، ޑރ. ޒާހިދުގެ ބަދަލުގައި އޭނާ ކޮމިޝަނާ ގުޅިވަޑައިގަންނަވާނެއެވެ.