ޚަބަރު
ރައީސް މައުމޫން ގޮތް ނިންމަވައިފި، މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްތަ؟
ރައީސް މައުމޫން އަދި މެޑަމް ނަސްރީނާ/ފޮޓޯ: ފިޔެސް
ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ޒަމާނުއްސުރެ ދިވެހީން އަންނަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ފަލަކީ ޢިލްމުވެރިޔާ، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ގެ ބަހަކަށް އިންތިޒާރު ކުރަމުންނެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަސް ބޯމަތިވެފައިވާއިރު، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް މީސް މީޑީއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވާނީ 18 ފެބްރުއަރީ 2026 ވާ ބުދަ ދުވަސް (މާދަމާ) ކަމަށެވެ. ހަމަ އެހެންމެ، އެމަނިކުފާނު ވަނީ ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަޙުނިޔާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅުއްވާ މުސްލިމް އަޚުންނާއި އުޚްތުންނަށް ފޮނުއްވާފައެވެ.
ރައީސް މައުމޫން މިފަދައިން ވިދާޅުވެފައިވީ ނަމަވެސް، މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ބެލުމުގެ ރަސްމީ މަސައްކަތްތައް ކުރިއަށްދާނީ ހަވީރު 17:30 އިން ފެށިގެންނެވެ. އެގޮތުން، ސަޢުދީ ޢަރަބިއްޔާގެ ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އަންގާރަ ދުވަހުގެ އިރުއޮއްސޭ ވަގުތު ހަމަލޮލަށް ނުވަތަ ޓެލެސްކޯޕް ބޭނުންކޮށްގެން ރަމަޟާން މަހުގެ ހަނދު ފެނޭތޯ ބެލުމަށް ހުރިހާ މުސްލިމުންނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ހަނދު ފެނިއްޖެ މީހަކުނަމަ، ވީ އެންމެ އަވަހަކަށް ކައިރީގައި ހުރި ކޯޓަކަށް ގޮސް ހެކިބަސް ދިނުމަށް ނުވަތަ ކަމާބެހޭ މަރުކަޒުތަކަށް އެންގުމަށް ވަނީ އެދިފައެވެ.
2026 ވަނަ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 18 ވާ ބުދަ ދުވަހެވެ. ހަނދު ފެނުމާ ގުޅޭ ރަސްމީ ނިންމުން ނިންމުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭއެވެ.