Ads by PNC

ޚަބަރު

ސަރުކާރުގެ އަމާޒަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ރައްކާތެރި އިތުބާރު ކަނޑުދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކުރުން: ވަޒީރު އަމީން

ސަރުކާރުގެ އަމާޒަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ރައްކާތެރި އިތުބާރު ކަނޑުދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކުރުން: ވަޒީރު އަމީން

ދ. އަތޮޅުގައި ހައި ސްޕީޑް ފެރީގެ ޚިދުމަތް ފެށުން. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ފެބްރުއަރީ 2026، 04:24

17 ފެބްރުއަރީ 2026، 04:24

ސަރުކާރުގެ އަމާޒަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ، ރައްކާތެރި އަދި އިތުބާރު ހުރި ކަނޑުދަތުރުފަތުރުގެ ނިޒާމެއް ރާއްޖޭގައި ޤާއިމްކުރުން ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދ. އަތޮޅުގައި ހައި ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ގުޅިގެން ފޯރުކޮށްދޭ އާރްޓީއެލްގެ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ގެންގުޅުއްވާ ތަސައްވަރުގެ ބައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި އަހަރުގެ ރިޔާސީ ބަޔާނުގައިވެސް މިކަމަށް އަލިއަޅުއްވާލައްވާފައިވާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި އިތުރު ސަރަޙައްދުތަކުގައި ހައިސްޕީޑް ފެރީގެ ޚިދުމަތް ފެށިގެންދާނެ ކަމަށެވެ.

މިހާރުވެސް ރާއްޖޭގެ 12 އަތޮޅެއްގެ 123 ރަށެއްގައި މި ޚިދުމަތް ދެމުންދާއިރު، ދ. އަތޮޅާއި ފ. އަތޮޅުގައި އަލަށް ފެށި ޚިދުމަތާއެކު އިތުރު 11 ރަށަކަށް މި ނިޒާމުގެ ފައިދާ ލިބިގެންދާނެއެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ މަޤްޞަދަކީ ހަމައެކަނި ދަތުރުފަތުރުގެ ނިޒާމެއް އޮތުން ނޫން ކަމަށާއި، އެ ނިޒާމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ފެންވަރު ރަނގަޅު ނިޒާމަކަށް ހެދުން ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގެ ޖަޒީރާވަންތަކަމަކީ ރަށްތައް ވަކިކޮށްދޭ ހުރަހަކަށް ވުމުގެ ބަދަލުގައި، އެއީ ރަށްތައް ގުޅުވައިދޭ މަގުތަކަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. "މިފެށޭ ދ. އަދި ފ. އަތޮޅުގެ ރަށްތައް ގުޅުވާލަދޭ ޚިދުމަތްތަކުން މިއީ އެއްއާއިލާ އެއްފަދައިން ގުޅުވާލަދޭނެ ޚިދުމަތެއް. ރައީސްގެ ސަރުކާރުން މަސައްކަތް ކުރަނީ ހަމައެކަނި ދަތުރު ފަތުރު ނިޒާމެއް ޤާއިމްކުރާކަަށް ނޫން. އަމާޒަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ރައްކާތެރި އިތުބާރުހުރި ކަނޑުދަތުުރުފަތުރުގެ ނިޒާމެއް ޤާއިމްކުރުން،" ވަޒީރު ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ ހައި ސްޕީޑް ފެރީގެ މަޝްރޫޢަކީ ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުމާ އެންމެ ބޮޑަށް ގުޅިފައިވާ އެއް މަޝްރޫޢު ކަމަށެވެ. އަދި މިއީ ސަރުކާރުން ވަރަށް ބޮޑަށް ސަބްސިޑައިޒްކޮށްގެން ރައްޔިތުންނަށް ފޯރުކޮށްދޭ ލުއިފަސޭހަ ޚިދުމަތެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450