ކުޅިވަރު /
ޚަބަރު
ބައިނަލްއަޤްވާމީ ކެރަމް ފެޑެރޭޝަންގެ ނައިބު ރައީސްކަމަށް ދިވެއްސެއް އިންތިޚާބުވެއްޖެ
ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ރައުޝާން
އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) ގެ ނައިބު ރައީސްގެ މަޤާމަށް ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ރައުޝާން އިންތިޚާބުވެއްޖެއެވެ. މި މަޤާމަށް ރައުޝާން އިންތިޚާބުކުރެވުނީ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގެ ސެން ފްރެންސިސްކޯ ބޭ އޭރިއާގައި މިހާރު ކުރިއަށްދާ ހަވަނަ ކެރަމް ވޯލްޑް ކަޕުގެ ތެރެއިން އިއްޔެ ބޭއްވުނު އައިސީއެފްގެ ކޮންގްރެސްގައެވެ.
ކުރިއަށް އޮތް ހަތަރު އަހަރުގެ ދައުރަކަށް އިންތިޚާބުވުމާއެކު، ރައުޝާނަކީ އައިސީއެފްގެ ނައިބު ރައީސްކަމުގެ މަޤާމު ފުރުއްވާ އެންމެ ޅަ އުމުރުގެ ބޭފުޅާ ކަމުގައި ވެސް ވެގެން ދިޔައެވެ.
ރައުޝާންގެ ކެރަމް ދާއިރާގެ ތަޖުރިބާއަށް ބަލާއިރު، 2013 ވަނަ އަހަރުގެ އިންޓަރ ސްކޫލް މުބާރާތުގައި ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ބައިވެރިވިއެވެ. އޭގެ ފަހުން، 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ކެރަމް ވޯލްޑް ކަޕުގައި އަމްޕަޔަރެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އަދި އެ މުބާރާތުގެ ފައިނަލް މެޗުގައި ވެސް އިންސާފުކުރެއްވީ ރައުޝާންއެވެ.
2019 ވަނަ އަހަރު ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް އައްޔަންކުރެވުނު ރައުޝާން، އެ ފަހުން ކެރަމް އެސޯސިއޭޝަން ހިންގުމުގެ އިތުރުން، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ އޮންނަ ގުޅުން ވަރުގަދަކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ. މީގެ އިތުރުން، މި އަހަރު ރާއްޖޭގައި ބޭއްވުނު އޭޝިއަން ޗެމްޕިއަންޝިޕް އިންތިޒާމުކުރުމުގައި ވެސް ރައުޝާން ވަނީ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ.
މި އައު މަޤާމާއެކު، ރައުޝާންގެ ލީޑަރޝިޕް ދަށުން ކެރަމް ކުޅިވަރު ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރަށް ކުރިއަރައި ދިއުމަށް ގިނަ ބައެއްގެ އުންމީދު ބޮޑުވެފައިވެއެވެ.