Ads by PNC

ޚަބަރު

'ހޭންޑީ' ބްރޭންޑުގެ ބިއްލޫރި ފުޅީގެ ފެން ބޭނުން ނުކުރަން އެމްއެފްޑީއޭ އިން އަންގައިފި

'ހޭންޑީ' ބްރޭންޑުގެ ބިއްލޫރި ފުޅީގެ ފެން ބޭނުން ނުކުރަން އެމްއެފްޑީއޭ އިން އަންގައިފި

ހޭންޑީ ވޯޓަރ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ފެބްރުއަރީ 2026، 07:35

17 ފެބްރުއަރީ 2026، 07:35

ހޭންޑީ ވޯޓަރ ބޮޓްލިންގ ޕްލާންޓުން އުފައްދާ 'ހޭންޑީ' ބްރޭންޑުގެ ބިއްލޫރި ފުޅީގެ ފެން ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ. އެ އޮތޯރިޓީން މިގޮތަށް އެންގީ އެ ބްރޭންޑުގެ ފެން ޖަރާސީމުން ތަޣައްޔަރުވެފައިވާކަން ތަޙުލީލުތަކުން ދެއްކުމާ ގުޅިގެންނެވެ.

އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހޭންޑީ ބްރޭންޑުގެ ބިއްލޫރި ފުޅީގެ ފެން މަނާ ކުރީ އެ ފެނަކީ ބޯން ކަމުދާ ފެނެއް ނޫން ކަމަށް ފާހަގަކުރެވިގެން ކަމަށެވެ. މިގޮތުން ތަޣައްޔަރުވެފައިވަނީ އެ ބްރޭންޑުގެ 330 އެމް.އެލް، 500 އެމް.އެލް އަދި 1 ލީޓަރުގެ ބިއްލޫރި ފުޅިތަކުގައި ހުރި ފެން ކަމަށް އެ އޮތޯރިޓީން މަޢުލޫމާތު ދެއެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި، މި ފުޅިތައް ތަޙުލީލު ކުރިއިރު ބޯފެނުގައި ހުރެގެން ނުވާނެ ފަދަ ޖަރާސީމުގެ އަސަރު ވަނީ ފެނިފައެވެ. އަދި މި ފެނުގެ ތަޙުލީލު ނަތީޖާ ދައްކާ ގޮތުން، މިއީ ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ބޯފެނުގެ މިންގަނޑަށް ފެތޭ ފެނެއް ނޫން ކަމަށްވެސް އެމްއެފްޑީއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޢާންމު ޞިއްޙަތަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، އެމްއެފްޑީއޭއިން ވަކި ގޮތެއް އަންގަންދެން މި ބްރޭންޑުގެ ބިއްލޫރި ފުޅިތަކުގެ ފެން ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ. މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކުން އެމްއެފްޑީއޭގެ ނަންބަރު 3034213 ނުވަތަ 7603204 ފޯނަށް ގުޅުއްވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450