ޚަބަރު
އެއަރޕޯޓުގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާރމިނަލަށް ބަދަލުކޮށްފި
އެއަރޕޯޓުގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާރމިނަލަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: އެމްއޭސީއެލް
ފަރުދުން
17 ފެބްރުއަރީ 2026، 11:15
17 ފެބްރުއަރީ 2026، 11:15
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންސްތައް، ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލް، ޓަރމިނަލް 2 އަށް މިއަދު ބަދަލުކޮށްފިއެވެ.
ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންތައް، ޓަރމިނަލް 2 އަށް ބަދަލުކުރުމުގެ ގޮތުން ވީއައިއޭގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެމްއޭސީއެލްގެ ބޯޑް މެންބަރުން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި، ޓަރމިނަލްގެ އޮޕަރޭޝަންސްތައް ބަދަލުކުރުމުގައި ހަރަކާތްތެރިވި މުވައްޒަފުން ބައިވެރިވިއެވެ.
ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންސްތައް ޓަރމިނަލް 2 އަށް ބަދަލުކޮށްފައިވާއިރު، އެ ޓާރމިނަލަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނަސްފައެވެ. މިބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްފައިވަނީ އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އެގޮތުން ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގައި 8 ޗެކް-އިން ކައުންޓަރު ބޭނުންކޮށްގެން ޚިދުމަތްދިން ނަމަވެސް، ޓަރމިނަލް 2 ގައި ޗެކް-އިން ވުމަށް 27 ކައުންޓަރު ހުންނާނެކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ. އަދި ސެކިއުރިޓީ ކްލިއަރެންސްއަށް 3 މެޝިން ބަހައްޓާފައިވާއިރު، 6 ޑިޕާޗާ ގޭޓު ހުންނާނެކަމަށް ވެސް އެމްއޭސީއެލްއިން ބުނެއެވެ.
މީގެ އިތުރުން ޓަރމިނަލް 2ގައި އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކި ދެ ނަމާދު ކޮޓަރި ވަނީ ޤާއިމްކޮށްފައެވެ. އަދި އެހެންނިހެން ގިނަ ޚިދުމަތްތަކެއް ޑޮމެސްޓިކް ޓާރމިނަލުން މިހާރު ހޯދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އޭގެތެރޭގައި ކުޑަކުދިން ކުޅިވަރު ކުޅުމަށް ޚާއްޞަ ސަރަޙައްދަކާއި، އެފްއެންޑްބީގެ ތިން އައުޓްލެޓް ހުންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި އަންނަ ފަސިންޖަރުންގެ ދަބަސްތައް ނެގުމަށްވެސް ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގައި ހުރި ބެގޭޖް ބެލްޓަށްވުރެ ހަތަރު ގުނަ ބޮޑު ދެ ބެލްޓް ވަނީ ބަހައްޓާފައެވެ.
މި ބަދަލުގެ މައިގަނޑު މަގުސަދަކީ ކުރީގެ ޑޮމެސްޓިކް އެއަރޕޯޓުގައި ކުރިމަތިވާ ތޮއްޖެހުން ކުޑަކޮށް، ދަތުރުކުރައްވާ ފަސިންޖަރުންނަށް ވީހާވެސް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް އެމްއޭސީއެލްއިން ހާމަކުރެއެވެ.