ޚަބަރު
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ހަތަރުވަނަ އައިނު ފިހާރަ ކުޅުދުއްފުށީގައި ހުޅުވައިފި
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސަރުކާރުގެ އައިނު ފިހާރަ ހުޅުވުން---
ފަރުދުން
17 ފެބްރުއަރީ 2026، 11:36
17 ފެބްރުއަރީ 2026، 11:36
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ހަތަރުވަނަ އައިނު ފިހާރަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިއަދު ހުޅުވައިފިއެވެ. މިއީ މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި ހުޅުވި، ސަރުކާރުގެ ދެވަނަ އައިނު ފިހާރައެވެ.
މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވާފައި ވަނީ، އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޞިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. އަދި މިރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމާއި، ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއި އިސްނެންގެވުމުގެ ދަށުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ 4 ވަނަ އައިނު ފިހާރަ މިއަދު މިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ރަސްމީކޮށް ހުޅުވާފައި. މިހާރު މާލޭގެ އިތުރުން ރާއްޖޭގެ އުތުރުގައާއި ދެކުނުގައި،… pic.twitter.com/2QUlwY39HG
— Haleem (@22halex) February 17, 2026
މި އައިނު ފިހާރައާއެކު އާސަންދައިގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން އައިނު ހެއްދޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ އައިނު ފިހާރައެއް އެންމެ ފުރަތަމަ ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު އައިޖީއެމްއެޗްގައެވެ. އޭގެ ފަހުން އޮގަސްޓް މަހުގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ވަނީ އައިނު ފިހާރައެއް ހުޅުވާފައެވެ.
މީގެ އިތުރުން ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ފޯރުކޮށްދެމުންދާ ބައެއް ތަންތަނުން ހައްދާ ނަންބަރު އައިނުތަކަށް އާސަންދައިގެ ޚިދުމަތް ލިބޭނެގޮތް އާސަންދަ ކޮމްޕެނީ ލިމިޓެޑުން މިހާރު ވަނީ ހަދާފައެވެ. އެ ތަންތަނުގެ ތެރޭގައި މާލެ ސަރަޙައްދުގެ ގިނަ އަދަދެއްގެ ކްލިނިކްތަކާއި އައިނު ފިހާރަތަކާއި، ހޮސްޕިޓަލްތައް ހިމެނޭގޮތަށް ޖުމްލަ 18 ތަނެއް ހިމެނެއެވެ.