Ads by PNC

ޚަބަރު

ޒަމާނީ ޓަރމިނަލަކުން ޑޮމެސްޓިކް ޚިދުމަތްތައް ދޭން ފެށުމަކީ ވަރަށް ބޮޑު ކުރިއެރުމެއް: ރައީސުލްޖުމްހޫރިއްޔާގެ ނައިބު

ޒަމާނީ ޓަރމިނަލަކުން ޑޮމެސްޓިކް ޚިދުމަތްތައް ދޭން ފެށުމަކީ ވަރަށް ބޮޑު ކުރިއެރުމެއް: ރައީސުލްޖުމްހޫރިއްޔާގެ ނައިބު

ވީއައިއޭގެ ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންތައް، ކުރިން އިންޓަނޭޝަނަލް ޓާރމިނަލް (ޓާރމިނަލް 2)އަށް ބަދަލުކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

18 ފެބްރުއަރީ 2026، 11:03

18 ފެބްރުއަރީ 2026، 11:03

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ ޑޮމެސްޓިކް ޚިދުމަތްތައް ޒަމާނީ ޓަރމިނަލަކުން ދޭން ފެށުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ވީއައިއޭގެ ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންތައް، ކުރިން އިންޓަނޭޝަނަލް ޓާރމިނަލް (ޓާރމިނަލް 2)އަށް ބަދަލުކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުތައް އައު ޓާރމިނަލަކަށް ބަދަލުކުރިތާ ގިނަ ދުވަސްތަކެއް ނުވަނީސް ޑޮމެސްޓިކް ޓާރމިނަލްގެ ޚިދުމަތްތައް ވެސް ޒަމާނީ ފެންވަރަށް ބަދަލުކުރެވިގެން ދިއުމަކީ ބޮޑު ކުރިއެރުމެއްކަމުގައި ވިދާޅުވެފައެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ހެޔޮ އަދި ފައިދާހުރި ބަދަލުތަކެއް އަންނާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ބައިނަލްއަޤުވާމީ ޓާރމިނަލް އާއި ޑޮމެސްޓިކް ޓާރމިނަލް އިތުރަށް ތަރައްޤީ ކުރުމަށް މީގެކުރިން މާބޮޑު މަސައްކަތްތަކެއް ކޮށްފައި ނެތުމުން އެކަމަށް ފާޑު ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މީގެކުރިން ޑޮމެސްޓިކް ޓަރމިނަލް ބޭނުންކުރާ ފަރާތްތަކަށް އެ ޓަރމިނަލް ވެފައިއޮތީ ބޮޑު ތަކުލީފަކަށްކަމަށެވެ. އަދި މިކަމުގެ ސަބަބުން އިގްތިސާދީގޮތުން އެ ޓަރމިނަލުން ދިވެހިރައްޔިތުންނަށް ލިބެންޖެހޭ ނަފާ، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައިއޮތްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް 2 އިފުތިތާހު ކުރެވިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރު ފެށުމާއެކު، މި ތަކުލީފުތަކަށް އަވަސް އަދި ފުރިހަމަ ހައްލެއް ހޯއްދަވައިދެއްވުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރެއްވި މަސައްކަތުންކަމުގައި ވިދާޅުވިއެވެ. އަދި މި މަސައްކަތްޕުޅުގެ ތެރެއިން، މިއަދު، ޑޮމެސްޓިކް އާ ޓަރމިނަލް ނިމި، ހުޅުވިފައި މިވަނީ، ކުރިއަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް، އެހާމެ ހިތްފަސޭހަ އަދި އިތުރު ޚިދުމަތްތަކާއެކުގައިކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިފަދަ ކުރިއެރުންތަކަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޤްތިޞާދީ ގޮތުން ގެންގުޅުއްވާ ދުރުވިސްނުންފުޅާއި، ހިކުމަތްތެރި ސިޔާސަތުތަކާއި، ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް ދެއްވާ އިސްކަމުގެ ނަތީޖާކަމުގައި ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި ޓަރމިނަލް މަރާމާތުކޮށް، ކުރު މުއްދަތެއްގެ ތެރޭގައި ޚިދުމަތް ފެށިގެން ދިއުމުގައި ބޮޑު ހިއްސާއެއްވި، އެމް.އޭ.ސީ.އެލްގެ މެނޭޖުމަންޓާއި ހީވާގި މުވައްޒަފުން ރެއާއި ދުވާލު، ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކުރައްވައި، މި މަސައްކަތުގައި އުޅުއްވި އެންމެހައި މުވައްޒަފުން ޝާމިލުވާނޭގޮތުން ހުރިހާ ބޭފުޅުންނަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450