ދުނިޔެ
އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދިޔަ ނިއުކްލިއާ މަޝްވަރާތަކުގައި ކުރިއެރުން ލިބިފައިވާކަމަށް ބުނެފި
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ
އީރާނާއި އެމެރިކާއާ ދެމެދު ސުވިޒަލޭންޑުގެ ޖެނީވާގައި ނުސީދާކޮށް ކުރިއަށްދިޔަ ނިއުކްލިއާ މަޝްވަރާތަކުގައި "ރަނގަޅު ކުރިއެރުންތަކެއް" ލިބިފައިވާ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.
އޮމާން މެދުވެރިވެގެން ކުރިއަށްދިޔަ މި މަޝްވަރާތަކަށްފަހު އަރަގްޗީ ވިދާޅުވީ، ދެ ގައުމުން އަމަލުކުރާނެ މައިގަނޑު އުސޫލުތަކަކަށް އެއްބަސްވެވިފައިވާ ކަމަށާއި، މިއީ އެއްބަސްވުމެއްގެ ދެލިކޮޕީ އެކުލަވާލުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.
އަރަގްޗީ އިތުރަށް ވިދާޅުވީ، މި މަހުގެ ކުރީކޮޅު އޮމާނުގައި ބޭއްވުނު ބައްދަލުވުންތަކާ އަޅާބަލާއިރު މިފަހަރުގެ މަޝްވަރާތަކުގައި ސާފު މަގެއް ފެނިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް ދެ ގައުމުގެ ދެމެދުގައި ހުރި ހިޔާލުތަފާތުވުންތައް ކުޑަކުރުމަށް ވަގުތު ބޭނުންވާނެ ކަމަށާއި، ދެލިކޮޕީތައް ބަދަލުކުރުމަށްފަހު ތިންވަނަ ބުރެއްގެ މަޝްވަރާތައް ބާއްވާނެ ތާރީހެއް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ، ޑިޕްލޮމެސީގެ މަގުން ކަންކަން ހައްލުކުރުމަށް އެމެރިކާއިން އިސްކަންދޭ ކަމަށެވެ. ނަމަވެސް އީރާނުން އަދިވެސް އެއްބަސްނުވާ ބައެއް ކަންކަން އެބަހުރި ކަމަށާއި، ޑިޕްލޮމެސީ ނާކާމިޔާބުވެއްޖެ ހާލަތެއްގައި އަސްކަރީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު އެމެރިކާގެ ރައީސް ދަމަހައްޓަވާނެ ކަމަށް ވެންސް އިންޒާރު ދެއްވިއެވެ.
އީރާނުން ބޭނުންވަނީ އެމެރިކާއިން އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އެ ގައުމުގެ ޔުރޭނިއަމް މުއްސަނދިކުރުމުގެ ޕްރޮގްރާމަށް ބައިނަލްއަގުވާމީ ގޮތުން ހުއްދަ ހޯދުމަށެވެ. ނަމަވެސް އެމެރިކާއިން ބާރުއަޅަމުންދަނީ އީރާނުގެ ބިމުގައި ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމަށާއި، ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ މިސައިލް ޕްރޮގްރާމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރުމަށެވެ. މި ހުށަހެޅުންތަކަށް އީރާނުން ވަނީ ދެކޮޅު ހަދާފައެވެ.
މި މަޝްވަރާތައް ކުރިއަށްދިޔަ ވަގުތަކީ ގަލްފް ސަރަހައްދުގައި އަސްކަރީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ވަގުތެކެވެ. އެމެރިކާއިން ވަނީ އެ ސަރަހައްދަށް ދެ މަނަވަރު ފޮނުވާފައެވެ. މީގެ ތެރެއިން ޔޫއެސްއެސް އަބްރަހަމް ލިންކަން އޮތީ އީރާނުގެ އައްސޭރިފަށާ ގާތްގަނޑަކަށް 700 ކިލޯމީޓަރު ދުރުގައެވެ. މިއީ އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް އީރާނަށް ހަމަލާދެވޭނެ ފަދަ ކައިރި ރާސްތާއެކެވެ.
މި ނުތަނަވަސްކަމާ ގުޅިގެން އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އެމެރިކާގެ މަނަވަރުތައް ފައްތާލުމުގެ ގާބިލުކަން އީރާނަށް ލިބިގެންވާ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. ޚާމަނާއީ ވިދާޅުވީ މަނަވަރަކީ ނުރައްކާތެރި ހަތިޔާރެއް ނަމަވެސް، އެ ފައްތާލުމަށް ބޭނުންކުރާ ހަތިޔާރު މާ ނުރައްކާތެރިވާނެ ކަމަށެވެ.